ޚަބަރު

އައްޑޫ އެކްސިޑެންޓުގައި އައިސީޔޫގައި އޮތް މީހާ މާލެ ގެންނަނީ

ފަތޯނާ ފާއިޒު

އައްޑޫ ސިޓީގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހާ މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން ބުނީ، ސ. މަރަދޫފޭދޫގައި މިއަދު އިރުއޮއްސެން އުޅެނިކޮށް ހިނގި އެ އެކްސިޑެންޓާ ގުޅިގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދަނީ އުމުރުން 55 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އަދި އިތުރު ފަރުވާ ދިނުމަށް އޭނާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދޭ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، އެ އެކްސިޑެންޓު ހިނގުމާއެކު އެ ސަރަހައްދު ދޫކޮށް ގޮސްފައިވަނީ 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށާއި އެ ކުއްޖާ އަތުގައި ލައިސެންސެއް ނެތް ކަމަށެވެ.

އަދި އެ ކުއްޖާ ހޯދާފައިވަނީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ފަރުވާ ހޯދަން ގޮސްހުއްޓައި ކަމަށާއި އެ ކުއްޖާއަށް ވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.