ޚަބަރު

ބޯޓިން އެވޯޑްސްއަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުކޮށްފި

އަހުމަދު ޖައިޝަން

ދިވެހި ރާއްޖޭގެ ބޯޓިން އިންޑަސްޓްރީގެ މަސައްކަތުގެ އަގުވަޒަން ކުރުމުުގެ ގޮތުން ދެމުން އަންނަ މޯލްޑިވްސް ބޯޓިން އެވޯޑްސް (އެމްބީއޭ)އަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުކޮށްފި އެވެ.

އެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ މަހުގައެވެ. އަދި މިހާރު އެ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު ހަމަވެފައިވާއިރު މެރިން އިންޑަސްޓްރީގެ ގިނަ ދާއިރާއަކުން އެ އެވޯޑް ދޭނެއެވެ.

އެ އެވޯޑްދޭ ދާއިރާތަކުގެ ތެރޭގައި ބޯޓު ބަންނަ ފަރާތްތަކާއި މެރިން އިންޑަސްޓްރީގެ ސަޕްލަޔަރުންނާއި ކްރޫއިންނާއި ކެޕްޓަން އަދި ގައިޑުންވެސް ހިމެނެއެވެ.

ބޯޓިން އެވޯޑް ދެމުން އަންނަ ލައިވްބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެލްއޭއެމް)ގެ ރައީސް އިބްރާހީމް ޝާހިދު ވިދާޅުވީ އެވޯޑަށް ކުރިމަތިލަމުން އަންނަ މީހުންގެ އަދަދު ކޮންމެ އަހަރަކު އިތުރުވަމުން ކަމަށެވެ.

މި އަހަރުގެ އެވޯޑް ދިނުމުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުއެވެ.