މާފަންނު ގެއެއް ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަނެއްގެ ތެރޭގައި މީހަކަށް އަނިޔާކުރި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ)ގެ ހަތް ފުލުހުން ޑީމޯޓް ކުރުމަށް ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ހުށަހެޅުއްވީ، އެ ފިޔަވަޅަކީ އެކަށީގެންވާ ވަރަށް ލުއި ފިޔަވަޅެއް ކަމަށް ގަބޫލުފުޅު ކުރެއްވޭތީ ކަމަށް ފުލުހުން ބުނެފިއެވެ.
މަސްތުވާތަކެތި ޓްރެފިކްކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑީއީޑީ އިން މ. އުޖާލާގޭގައި ހިންގި އޮޕަރޭޝަންގައި އެ ގޭގައި ހުރި ބިދޭސީއަކަށް އަނިޔާކުރި މައްސަލައާ ގުޅުންހުރި ހަތް ފުލުހުން ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ސަސްޕެންޑް ކޮށްފައެވެ.
އަދި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން އެ މައްސަލަ ތަހުގީގު ކުރުމަށްފަހު، މައްސަލައިގައި ގޮތެއް ނިންމުމަށް ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން، އެ ފުލުހުން ޑީމޯޓުކޮށް ވަޒީފާ އަދާކުރާ ޑިޕާޓްމަންޓް ބަދަލުކޮށް އަހުލާގީ ކުލަ އަދި މެޑަލް އަތުލުމަށް އެ ބޯޑުން ނިންމިއެވެ.
ނަމަވެސް "ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބު ކަނޑައަޅާ ގަވައިދު" ގައިވާ ގޮތުން ކޮމިޝަނަރު އޮފް ޕޮލިސްއަށް ލިއްބައިދޭ އިސްތިއުނާފަށް ހުށަހެޅުމުގެ ބާރުގެ ދަށުން، ސީޕީ ހަމީދު ވަނީ މި މަހުގެ 11 ވަނަ ދުވަހު ޑިސިޕްލިނަރީ ބޯޑުގެ ނިންމުން އިސްތިއުނާފު ކޮމިޓީއަށް ހުށަހަޅުއްވައިފައެވެ.
ސީޕީގެ އެ ނިންމުމަކީ އެ ފުލުހުން ދިފާއު ކުރަން ކުރެއްވި ކަމެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ވަނީ ސީޕީ ހަމީދަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.
ނަމަވެސް އެކަމުގެ ހަގީގަތް ހާމަކުރަމުން ފުލުހުން މިއަދު މީޑިއާއަށް ބުނީ، ހަތް ފުލުހުންނަށް ޑިސިޕްލިނަރީ ބޯޑުން އަޅަން ނިންމި ފިޔަވަޅުތައް އިސްތިއުނާފަށް ސީޕީ ހަމީދު ހުށަހެޅުއްވީ، އެ ބޯޑުން ނިންމި ނިންމުން، މީގެ ކުރިން އެފަދަ މައްސަލަތަކުގައި އަޅާފައިހުރި ފިޔަވަޅުތަކާ އަޅާބަލާއިރު އެކަށީގެންވާ ވަރަށް ލުއި ކަމަށް ގަބޫލުފުޅު ކުރެއްވޭތީ އަލުން ބަލައިދިނުމަށް ކަމަށެވެ.