އަލީ ރިފްޝާން
ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ، އެފްއައިވީބީ އިން އެންގި ގޮތަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ހިންގުން އިންތިހާބީ ކޮމިޓީއާ ހަވާލުކުރުމަށް އެދިއްޖެއެވެ.
ކޮމިޝަނަރ އޮފް ސްޕޯޓްސް އަހްމަދު ސަލީމް (ހީނާ ސަލީމް)އަށް ވީއޭއެމްގެ އިންތިހާބީ ރައީސް މުހައްމަދު ލަތީފް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ނޯމަލައިޒޭޝަން ކޮމިޓީއަށް ދިން ތިން މަހުގެ މުއްދަތު ވެސް މިހާރު ހަމަވެފައިވާ ކަމަށެވެ.
ގިނަ ޝަކުވާތަކަކާ ގުޅިގެން ކަމަށް ބުނެ، ކޮމިޝަނަރ އޮފް ސްޕޯޓްސް ހީނާ ސަލީމް، ވީއޭއެމްގެ ހިންގާ ކޮމިޓީ އުވާލުމަށްފަހު، އެ އެސޯސިއޭޝަންގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރީ މިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހު ތިން މަހުގެ މުއްދަތަކަށެވެ. ވީއޭއެމްގެ ހިންގުމުގެ އިތުރުން ތިން މަސް ދުވަހުގެ ތެރޭގައި އެ އެސޯސިއޭޝަންގެ ތެރޭގައި ހުރި މައްސަލަތައް އިސްލާހުކޮށް، އާ އިންތިހާބެއް ބޭއްވުމަށް ވެސް ނޯމަލައިޒޭޝަން ކޮމިޓީއާ މަތިކޮށްފައިވެއެވެ.
ލަތީފް ފޮނުއްވި ސިޓީގައި އެފްއައިވީބީ އިން ހީނާ ސަލީމަށް އެންގި އެންގުންތައް ފާހަގަކުރެއްވިއެވެ. މިމަހުގެ ހަތަރުވަނަ ދުވަހު ހީނާ ސަލީމަށް ފޮނުވި ސިޓީގައި އެފްއައިވީބީ އިން ނޯމަލައިޒޭޝަން ކޮމިޓީ ބަލައިނުގަންނަ ކަމަށާއި އެ އެސޯސިއޭޝަންގެ ހިންގުމާއި އޮފީސް ވެސް އިންތިހާބީ ކޮމިޓީއާ ހަވާލުކުރުމަށް އަންގާފައިވާކަން ލަތީފްގެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.
ލަތީފް ފޮނުއްވި ސިޓީގައި ވިދާޅުވީ އެފްއައިވީބީގެ އެ އެންގުމާ އެއްގޮތަށް ވީއޭއެމްގެ އިންތިހާބީ ކޮމިޓީއާ އެ އެސޯސިއޭޝަންގެ ހިންގުން ހަވާލުކުރުމަށް އެދޭ ކަމަށާއި ވީއޭއެމްގެ ހިންގުން އިންތިހާބީ ކޮމިޓީއާ ހަވާލުކުރި ނަމަވެސް، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ވޮލީބޯޅައިގެ ކުރިއެރުމަށް މަސައްކަތްކުރާނެ ކަމަށެވެ.
ވީއޭއެމްގެ އިންތިހާބީ ކޮމިޓީ އުވާލުމަށްފަހު، އެ އެސޯސިއޭޝަންގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރި މައްސަލައިގައި ރާއްޖެއަށް ސަސްޕެންޝަނެއް އަތުވެދާނެކަމުގެ އިންޒާރު ވެސް އެފްއައިވީބީ އިން މިމަހު ފޮނުވި ސިޓީގައި ވަނީ އަންގައިފައެވެ.
އެ ސިޓީގައިވާ ގޮތަށް ވީއޭއެމް ސަސްޕެންޑްކޮށްފި ނަމަ، އެފްއައިވީބީ ގަބޫލުކުރާ މުބާރާތްތަކުގައި ރާއްޖޭގެ ގައުމީ ވޮލީ ޓީމުތަކާއި ގައުމީ ބީޗް ވޮލީ ޓީމުތަކަށް ވާދައެއް ނުކުރެވޭނެއެވެ. އަދި އެފްއައިވީބީގެ މެމްބަރުކަމުން ވެސް ވީއޭއެމް ދުރުކުރެވޭނެއެވެ. އެހެންކަމުން އަންނަ އަހަރު ރާއްޖޭގައި އަންހެނުންގެ އޭވީސީ ސެންޓްރަލް ޒޯން ވޮލީ މުބާރާތް ބޭއްވުމުގެ ކުރިން ސަސްޕެންޑްކޮށްފި ނަމަ، އެ މުބާރާތް ބޭއްވުމުގެ ފުރުސަތު ވެސް ރާއްޖެއަށް ގެއްލޭނެއެވެ.
ކޮމިޝަނަރ އޮފް ސްޕޯޓްސް އިން އެކުލަވާލި ނޯމަލައިޒޭޝަން ކޮމިޓީގައި ހިމެނެނީ، އެ ކޮމިޓީގެ ރައީސް އަބްދުﷲ އާމިރު (އައްލޯ) އާއި އެ ކޮމިޓީގެ ނައިބު ރައީސް އަހްމަދު އިސްމާއީލާއި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު އިބްރާހީމާއި މަރިޔަމް ޖުމާނާ އަދި ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން ހުސައިން މުހައްމަދެވެ.