ޚަބަރު

ސިސްޓަމް މައްސަލަ ޖެހި ޕާސްޕޯޓުގެ ޚިދުމަތް ހުއްޓިއްޖެ

އިމިގްރޭޝަންގެ ޕާސްޕޯޓު ހަދާ ސިސްޓަމަށް މައްސަލަތަކެއް ދިމާވެ ޕާސްޕޯޓުގެ ޚިދުމަތް ހުއްޓިއްޖެ އެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވި އިމިގްރޭޝަނުގެ އޮފިޝަލަކު ވިދާޅުވީ ސިސްޓަމަށް މައްސަލަތަކެއް ދިމާވީ ރޭގެ ވަގުތެއްގައި ވެލާނާ ބިލްޑިންގުން ކަރަންޓު ދިއުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.

"މި އިމާރާތުން ކަރަންޓު ދިއުމަކީ އާންމު ކަމެއް. އެއީ ސީރިއަސް މައްސަލައެއް. ބެލެވޭ ގޮތުގައި ޕާސްޕޯޓު ސިސްޓަމަށް މައްސަލަ ދިމާވެގެން މި އުޅެނީ ރޭ މި އިމާރާތުން ކަރަންޓު ދިއުމުގެ ސަބަބުން." އިމިގްރޭޝަނުގެ އޮފިޝަލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕާސްޕޯޓު ސިސްޓަމަށް ދިމާވެފައިވާ މައްސަލަ ވީ އެންމެ އަވަހަކަށް ހައްލުކޮށް އަލުން ޚިދުމަތް ފެށޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެހެން ނަމަވެސް އެ ޚިދުމަތް ފެށޭނީ ކިހާ އިރަކުކަން ވިދާޅުވާން ދަތި ކަމަށެވެ. މި ސިސްޓަމް ރަނގަޅު ކުރުމުގައި ސަޕޯޓު ސާވިސް ޚިދުމަތް ދޭނީ ޖަރުމަނުން ކަމަށާއި ދެ ގައުމުގެ ވަގުތުގެ ތަފާތުގެ ސަބަބުން ވެސް އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ޖަރުމަނުގެ ގަޑި ރާއްޖެ އަށް ވުރެ ހަތަރު ގަޑި އިރު ލަސް ވާނެ އެވެ. އެހެން ކަމުން މިއަދު ހެނދުނު 8:00 ގައި ރާއްޖޭގައި ސަރުކާރު އޮފީސްތައް ހުޅުވާ އިރު ޖަރުމަނުގެ ގަޑީން ވާނީ ފަތިހު 4:00 އެވެ.