ޚަބަރު

މަސްވެރިކަމާބެހޭ ބިލު ރައީސް ތަސްދީގު ކުރައްވައިފި

މަސްވެރިކަމާބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގުކުރެއްވި މިބިލަކީ މިމަހުގެ ފަސްވަނަ ދުވަހު ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 47 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މިއަދު ތަސްދީގުކުރެއްވި މި ބިލަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައިވާ މަސްވެރިކަމުގެ ދިރުންތަކާއި އެ ތަކެތީގެ މާހައުލާއި، ކަނޑުގެ ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމާއި ބެހޭ ބިލެކެވެ. އަދި މިއީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގައި އެންމެހައި ފަރާތްތަކުން ކުރާ މަސްވެރިކަމާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރުގައި ދިވެހިން ކުރާ މަސްވެރިކަން ކޮންޓްރޯލްކުރުމާއި، ދިވެހި މަސްވެރިކަމާއި އެކުއަކަލްޗަރގެ ސިނާއަތް ކުރިއަރުވައި، ތަރައްގީކޮށް، އެ ސިނާއަތު ހިންގައި ބެލެހެއްޓުމާގުޅޭ އުސޫލުތަކާއި ހަމަތައް ބަޔާންކޮށްފައިވާ ބިލެއްވެސް މެއެވެ.

މި ބިލުގައި ބަޔާންކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާތާ 100 ދުވަހުގެ ތެރޭގައި މަސްވެރިންނާއި، ފަޅުވެރިންނާއި، އޮޑިވެރިން އަދި އޮޑިދޯނިފަހަރުގެ މައުލޫމާތު ހިމެނޭ ދަފްތަރެއް އެކުލަވާލައި، ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީން އެ ދަފްތަރު ލިޔެ ބަލަހައްޓަންޖެހެއެވެ.

އަދި މަސްވެރިންގެ އިޖްތިމާއީ ރައްކާތެރިކަމާއި ޕެންޝަން ކަށަވަރުކޮށްދިނުމާއި، މަސްވެރިކަމާގުޅޭ ތައުލީމާއި ތަމްރީން ހޯދައިދިނުމާއި، މަސްދޯނިފަހަރާއި ބޯޓުފަހަރު ބަނުމުގެ ވިޔަފާރި ފުޅާކުރުމާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، ލިބޭ ގެއްލުން ކުޑަކުރުމަށް މަސައްކަތްކުރުމާއި، އައިންމަތި ދޫނި، ބިސްއަޅާ އާލާވާ ރަށްރަށާއި ފިނޮޅުފަދަ ތަންތަން ހިމާޔަތްކުރުމާއި އެކްޝަން ޕްލޭންތައް ތައްޔާރުކުރުންފަދަ ކަންކަން މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން މަސްވެރިކަމުގެ ބާވަތްތައް ކަނޑައެޅުމާއި މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތައް އެކުލަވާލުމާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރުން މަނާ މަސްވެރިކަމުގެ ބާވަތްތައް ކަނޑައެޅުމާއި މަސް ޕްރޮސެސްކުރާ ތަންތަނާއި، ގޭދޮށު މަސްފެކްޓްރީތަކާއި އައިސްޕްލާންޓްތައް ގާއިމުކުރުންފަދަ އާ ކަންތައްތައް މިބިލުގައި ތައާރަފުކޮށްފައިވެއެވެ. މީގެ އިތުރުން އެކުއަކަލްޗަރ ތަރައްގީކުރުމުގެ އުސޫލުތައް ވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމާއެކު ކުރިން އަމަލުކުރަމުން އައި މަސްވެރިކަމުގެ ގާނޫނު، ގާނޫނު ނަންބަރު 87/5 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އުވިގެންދާނެއެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގުކުރެއްވުމާއި ގުޅިގެން މި ގާނޫނޫ މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.