ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

މާލޭގައި ތޮއްޖެހުން ކުޑަކުރުމާ ބެހޭގޮތުން ނައިބު ރައީސް ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާކުރައްވައިފި

އާނިފާ ހުސެއިން ސިރާޖް

މާލެ ސިޓީގައި ތޮއްޖެހުން ކުޑަކޮށް، ޓްރެފިކް މައްސަލަތަކަށް ހައްލު ހޯދުމާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ކަމާބެހޭ މުއައްސަސާތަކާ މިއަދު މަޝްވަރާކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ މިއަދު ހެނދުނު އެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި މާލޭގެ މަގުތަކުގައި އިތުރަށް ޖާގަހެދުމާއި، ބާރުބޮޑުވެ އުޅަނދުފަހަރު ދުއްވުމުގެ އިތުރުން ހިނގާބިނގާވާ ފަރާތްތަކަށް ކުރިމަތިވަމުންދާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށާއި ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން ދުއްވުމާ ހިނގާބިނގާވާ ފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

މިބައްދަލުކުރެއްވުމުގައި، މަގުހުރަސް ކުރުމުގައި ކަފިހިހުރަސް ބޭނުންކުރުމަށް އަހުލުވެރިކުރުމުގެ ގޮތުން ޓްރެފިކް ފުލުހުން ކުރިޔަށްގެންދިޔަ ހާއްސަ ހަރަކާތުގެ ސަބަބުން ހެޔޮބަދަލުތަކެއް ފެންނަން ފަށާފައިވާކަން ނައިބު ރައީސް ފާހަގަކުރައްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ފުލުހުންގެ މުއައްސަސާއާއި މާލޭ ސިޓީ ކައުންސިލާއި ޓްރާންސްޕޯޓް އޮތޯރިޓީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނަވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.