ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ގެންގުޅުނު ވާދަވެރިކަން ދޫކޮށްލައި ގައުމައިގެން ކުރިއަށް ދިޔުމުގެ ވިސްނުން ގެންގުޅެން ވެއްޖެ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް ވިދާޅުވެއްޖެ އެވެ.
ޑރ. އިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް އިންތިހާބުވެވަޑައިގެން އިބްރާހީމް މުހައްމަދު ސޯލިހް އާއި ފައިސަލް ނަސީމް، އިހުލާސްތެރިކަަމާ އެކު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ.
"ކޮންމެ މީހަކުވެސް އެކަމެއް ކުރާނީ އެބައެއްގެ ފެންވަރުން،" އިހްލާސްތެރިކަމަށް އިޝާރަތްކުރައްވައި ޑރ. އިޔާޒް ވިދާޅުވިއެވެ.
އިޔާޒް ވިދާޅުވީ ސަރުކާރު ހިންގުމަށް އެހީތެރިކަން ފޯރުކޮށްދޭން ކޮންމެހެން މަތީ މަގާމެއްގައި ހުންނަން ލާޒިމު ނުވާ ކަމަށެވެ. އެހެންނަމަވެސް ބޭނުންވަނީ އިހުލާސްތެރިކަން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އިހުލާސްތެރިކަން ނެތް ނަމަ ކިތަންމެ މަތީ މަގާމެއްގައި، ކިތަންމެ ބޮޑު މުސާރައެއްގައި ހުރި ނަމަވެސް އެމީހެއްގެ ކިބައިން ލިބޭނެ ފައިދާއެއް ނެތް ކަމަށް ޑރ. އިޔާޒް ފާހަގަކުރެއްވި އެވެ.