ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ގާނޫނާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނަށް ސަރުކާރުން ބަދަލުތައް ގެނައުމަށް ނިންމާފައިވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ނޫސްވެރިކަން ކުރިއަރުވައި ތަރައްގީ ކުރުމުގެ ސިޔާސަތުތަކެއް ސަރުކާރުން ގެންގުޅޭ ކަމަށެވެ.
އެގޮތުން މީޑިއާ އިދާރާތަކުގެ މަސައްކަތްތައް، ހާމަކަމާއެކު ކުރިއަށް ގެންދެވޭނެ ނިޒާމެއް ގާއިމްކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ 2021 ވަނަ އަހަރު ނިމިގެންދާއިރު ގައުމީ ޕްރެސް ކުލަބެއް އުފެއްދުން އަދި ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ވަނީ ރޭވިފައި،" ނައިބް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރާއްޖޭގައި ހިންގާ ނޫސްވެރިކަމުގެ ކޯސްތައް ހަރުދަނާކޮށް، ތަހުގީގީ ނޫސްވެރިކަން ފުޅާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށާއި އަދި ނޫސްވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރުމަށް ސްކޮލަޝިޕް ފުރުސަތާއި ލޯނުގެ ފުރުސަތުތައް ފުޅާކުރެވޭނެ ކަމަށެވެ.
ކޮންމެ މިނިވަންކަމާއެކު ޒިންމާތަކެއްވާކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން ހިފާއިރު ޒިންމާދާރުވުމަކީ ނޫސްވެރިން ވެސް ހިފަހައްޓަންޖެހޭ ހަމައެއް ކަމަށެވެ.
އެގޮތުން ނޫސްވެރިކަމުގެ މިނިވަންކަން ބިނާވެފައި އޮންނަނީ ރައްޔިތުންނަށް ތެދުވެރިވުމުގެ މައްޗަށް ކަމަށްވާއިރު، މީޑިއާތަކުން ތެދު މައުލޫމާތާއި ހަބަރު ފެތުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
"ކިތަންމެ ފުރިހަމަ މިނިވަންކަމެއް ލިބިފައި އޮތަސް އެ މިނިވަންކަމެއްގެ ބޭނުން ހިފުމުގައި ވަކި ހަމަތަކަކާއި ވަކި ސުލޫކެއް ގެންގުޅުމަކީ ނޫސްވެރިކަމުގެ އަސާސީ އެއް ސިފަ. އެކަން ތިޔަ ނޫސްވެރިން އަމިއްލައަށް ކަނޑައަޅައިގެން އަމަލުކުރަމުން އަންނަ ކޯޑް އޮފް އެތިކްސް އިން އެނގޭނެ،" ނައިބް ރައީސް ވިދާޅުވިއެވެ.