ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހިފަހައްޓައިގެން ގައުމަށް ލިބޭނެ ކުރިއެރުމެއް ނޯންނާނެ ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ އިނާމް ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ނައިބް ރައީސް ވިދާޅުވީ، މި ސަރުކާރު ފެށުނުއިރު ނޫސްވެރިކަން އޮތީ ބިރުވެރިކަމެއްގެ ތެރޭގައި ނޫސްވެރިކަން ހިފެހެއްޓި ކަސްތޮޅު އެޅުވިފައި ކަމަށެވެ.
އަދި އޭރު ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތީ އެ ހައްގު އެއްވެސް ވަރަކަށް ނެތޭ ބުނެވޭހާ ވަރަށް ހަނިކޮށް، ނޫސްވެރިން ޖަލަށްލައި، ޓެރަރިޒަމްގެ ދައުވާކޮށް ނުރައްކާތެރި ބިރުވެރި އެތައް ކަމެއް ކުރިމަތިކުރުވާފައިވާ ކަމަށް ވިދާޅުވިއެވެ.
އަދި ވިދާޅުވީ، އެ މިނިވަންކަން ހިފަހައްޓައިގެން ގައުމަށް ލިބޭނެ ކުރިއެރުމެއް ނޯންނާނެ ކަމަށާއި އެ މިނިވަންކަން ކަށަވަރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް މި ބުނަނީ، ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހިފަހައްޓައިގެން ގައުމަށް ލިބޭނެ ކުރިއެރުމެއް ނޯންނާނެއޭ. އަދި ސަރުކާރު ހިންގަން ތިބޭ ބަޔަކަށް އެކަމުން ލިބޭނެ ފަސޭހައެއް ވެސް ނޯންނާނެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު މި ސަރުކާރުންވާނީ ރައްކާތެރިކޮށްދީފައި،" ނައިބް ރައީސް ވިދާޅުވިއެވެ.
މި ސަރުކާރަށް ނުވަ މަސް ފުރިގެން މިދަނީ ނޫސްވެރިކަމުގެ ފުރިހަމަ މިނިވަންކަމާއެކުކަން ފާހަގަކުރައްވާ އެމަނިކުފާނު އިތުރަށް ވިދާޅުވީ، އެ މިނިވަންކަން ދިނުމުން ސަރުކާރަށް ލިބުނު ގެއްލުމެއް ނެތް ކަމަށާއި ލިބުނީ ފައިދާ ކަމަށެވެ.
އަދި އެއްވެސް ނުރައްކަލެއް މީޑިއާއަކަށް ފޯރުވާފައެއް ނޯންނާނެ ކަމަށާއި ދުވަހަކު ވެސް ނުރައްކަލެއް ނުފޯރާނެ ކަމަށް ވިދާޅުވެ ނައިބް ރައީސް ވަނީ، މި ސަރުކާރު ދެމިއޮއްހާ ހިނދަކު ސަރުކާރާ އިދިކޮޅު އެއްވެސް މީޑިއާއެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.
"ސަރުކާރުގެ ކަންކަމަށް ފާޑުކިޔާ މީޑިއާތައް އެބަހުރި. ނޫސްވެރިންގެ އެންމެ ބޮޑު ޒިންމާއަކީ ވެސް އެއީ. ނަމަވެސް މީޑިއާއަކުން ސަރުކާރަށް ފާޑުކިޔަނީ ސަރުކާރާ ދެކޮޅުވެރިވެގެން ކަމަކަށް ގަބޫލެއް ނުކުރަން. ތިބޭފުޅުންގެ ހިޔާލާއި ފާޑުކިޔުންތައް އަޅުގަނޑުމެން ކިޔައި، އަޑުއަހަން. ތިބޭފުޅުން ފާޑު ކިޔަންވާނެ. އެ ފާޑުކިޔުންތަކާ ގުޅިގެން ކަންކަން ރަނގަޅު ކުރުމަކީ ސަރުކާރުގެ ޒިންމާއެއް،" ނައިބް ރައީސް ވިދާޅުވިއެވެ.