ނޫސްވެރިކަމުގެ ދާއިރާއިން ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ ފަރާތަކުގެ އަގު ވަޒަންކޮށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ރަން ގަލަން 12 ބޭފުޅަކަށް އަދި އަލިމަސް ގަލަން ނުވަ ބޭފުޅަކަށް އަރުވައިފިއެވެ.
ނޫސްވެރިކަމުގެ އިނާމް ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އަލިމަސް ގަލަން ލިބިވަޑައިގެން ބޭފުޅުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އަލީ ޝަމީމެވެ.
އަލިމަސް ގަލަން ލިބިވަޑައިގެން ބޭފުޅުންނަކީ "ވަން އޮންލައިން"ގެ ސީއީއޯ ސިނާން އަލީ، މުހައްމަދު ޖިނާހް، އަބްދުﷲ ރަމީޒް، ދިވެހި ތާރީހާއި ސަގާފަތާ ގުޅޭ ލިޔުންތައް ލިޔުއްވަން މަޝްހޫރު މުހައްމަދު ޝާތިރު، ތިމާވެށީގެ ރޮނގުން މަޝްހޫރު ނޫސްވެރިޔާ މުހައްމަދު ޒާހިރު (މީމު ޒަވިޔަނި)، ހުސެއިން މުހައްމަދު، ބޭރު ދުނިޔޭގެ މަސްރަހު ދިރާސާ ކުރައްވާ މުހައްމަދު ޖަވާދު، ދިޓީވީގެ ކުރީގެ ސީއީއޯ މިދުހަތް އާދަމް އަދި ވީމީޑިއާގައި ބޭރު ދުނިޔޭގެ މަސްރަހު ދިރާސާ ކުރައްވާ ސައިފް އަޒްހަރެވެ.
މިރޭގެ ރަސްމިއްޔާތުގައި ރަން ގަލަން ލިބިވަޑައިގެން 12 ބޭފުޅުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ނިޝާން އިޒުއްދީނުގެ ވެރިޔާގެ ލަގަބް އަރުވާފައިވާ އައްބާސް އިބްރާހިމްއެވެ.
މިރޭގެ ރަސްމިއްޔާތުގައި ރަން ގަލަން ލިބިވަޑައިގެން ބޭފުޅުންގެ ތެރޭގައި "ވަން އޮންލައިން"ގެ ޑެޕިއުޓީ އެޑިޓަރު އިބްރާހިމް ޒަކީ އާއި ގިނަ ދުވަސްތަކެއް ވަންދެން ފޮޓޯ ނެގުމުގަ އާއި އަދި މިހާރު ވެސް ފޮޓޯ ޖާނަލިޒަމްގެ ދާއިރާގައި އުޅުއްވާ އިސްމާއިލް އަބްދުލްޣަފޫރު (ފޮޓޯ ދޮންބެ) ހިމެނެއެވެ.
މީގެ އިތުރުން ދެން އެވޯޑް ލިބިވަޑައިގެން ބޭފުޅުންނަކީ ޕީއެސްއެމްގެ އެކްޓިން ނިއުސް ހެޑްގެ މަގާމުގައި ހުންނެވި މުހައްމަދު އަފްޒަލް، ދުވަސްވީ ފޮޓޯ ޖާނަލިސްޓް މުހައްމަދު ވަހީދު، ޕީއެސްއެމްގެ ނިއުސް އެގްޒެކެޓިވް އެޑިޓަރުގެ މަގާމުގައި ހުންނެވި ޝެހެނާޒް އަބްދުއްރަހްމާން، ރާއްޖެ ޓީވީގެ ކުރީގެ ނިއުސް ޑިރެކްޓަރު އަލީ ޔޫސުފް، ކުރީގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ މުހައްމަދު ޝާހިދު، ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އަހުމަދު މުހްސިން، މޫނިސާ އީސާ، ވީމީޑިއާގެ ނޫސްވެރިޔާ ޖާދުއްﷲ ސައީދު، އާފަތިސް ނޫހުގެ ޑެޕިއުޓީ އެޑިޓަރު ޝަމްރަތު އަހްމަދު އަދި މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ހަފްސީ އަބްދުﷲ އެވެ.
ދެހާސް ސަތާރަވަނަ އަހަރު ނޫސްވެރިކަމުގެ ރަން ގަލަން ދީފައިވަނީ ނުވަ ފަރާތަކަށެވެ. އަދި އެ އަހަރު ނޫސްވެރިކަމުގެ އަލިމަސް ގަލަން އަށް ބޭފުޅަކަށް އަރުވާފައިވެއެވެ.