ޚަބަރު

ރައީސް ނަޝީދު ގެންދަވަނީ ނުސީދާކޮށް ރައީސް ސޯލިހުގެ ގައިކޮޅުގައި ޖައްސަވަމުން: ގާސިމް

ފަތޯނާ ފާއިޒު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުސީދާކޮށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ގައިކޮޅުގައި ޖައްސަވަމުން ގެންދަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގާސިމް އެހެން ވިދާޅުވީ، ޖުމްހޫރީ ޕާޓީއާ ގުޅުނު ބައެއް މެމްބަރުންގެ ފޯމުތައް ހަވާލުކުރުމަށް މާފަންނު ކުނޫޒުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މިރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގާސިމް ވަނީ ރައީސް ނަޝީދަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވައިފައެވެ. އެގޮތުން ގާސިމް ވިދާޅުވީ ފިތުނަ އުފެދޭ ފަދަ ބައެއް ވާހަކަތައް ރައީސް ނަޝީދު ދައްކަވަމުންދާ ކަމަށެވެ.

"އެގޮތުން އަޅުގަނޑުމެންނަށް ފެންނަމުންދަނީ ރައީސުލްޖުމްހޫރިއްޔާގެ ގައިކޮޅުގައި ސީދާ ވިދާޅުނުވެ، ޖަހަމުންދާތަން. މި ވަނީ ކީއްކަމެއް އަޅުގަނޑަކަށް ނޭނގޭ. އެތެރޭގެ ކޯޅުން ހުރީ ކިހާވަރަކަށް ކަމެއް،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މިހާރު ފެންނަމުންދާ މަންޒަރަކީ ސަރުކާރުން ކުރާ ބައެއް ކަންކަމަކީ ގޯސް ކަންކަމުގެ ގޮތުގައި ދެއްކުމަށް މަަސައްކަތް ކުރަމުންދާ މަންޒަރު ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ބައެއް ބިލުތަކުގައި ހިމެނޭ މައްސަލަތައް މީޑިއާގައި ފާޅުކޮށް، ސަރުކާރު ގޯސް ކުރަން މަސައްކަތްކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެޕާޓީގެ (އެމްޑީޕީގެ) ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ދައްކަވާ ވާހަކައެެއް ދައްކަވާ އިރު، ސީދާ ރައީސުލްޖުމްހޫރިއްޔާއާ ވަގުތުން ގުޅާލާފައި، އެވާހަކަ ދެއްކެވޭނެ ދެއްތޯ؟. 65 މެމްބަރުންގެ ޕާޓީއެއްގެ ޕީޖީ ލީޑަރެއްގެ ވާހަކަ މި ދަންނަވަނީ،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ސަރުކާރުގެ އެކި ވާހަކަތައް ރައްޔިތުންގެ ކުރިމަތީގައި ދައްކަނީ އެކަމުގެ ކޮންމެވެސް "ތާސީރެއް" އެކުލެވޭތީ ކަމަށާއި އެކަން ކޮށްގެން ހޯދަން އުޅެނީ ކޮން އެއްޗެއް ކަމާ މެދު ސުވާލު އުފެދޭ ކަަމަށެވެ.

ގާސިމް އެހެން ވިދާޅުވި އިރު، ސަރުކާރުގެ ހިނގުން ލަސް ކަމަށް ފާހަގަކުރެވޭ ކަމަށް ރައީސް ނަޝީދު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.