ނޫސްވެރިކަން ކުރިއަރުވައި ދެމެހެއްޓުމުގެ އަގު ވަޒަންކޮށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ޝަރަފުގެ އަލިމަސް ގަލަން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު ހަތަރު ބޭފުޅަކަށް އަރުވައިފިއެވެ.
ނޫސްވެރިކަމުގެ އިނާމް ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިކަމުގެ ދާއިރާއިން ދޭ އެންމެ ޝަރަފްވެރި އެވޯޑް ލިބިވަޑައިގެން އަނެއް ތިން ބޭފުޅުންނަކީ މިއަދު ނޫހުގެ ބާނީ އަހުމަދު އަބްދުﷲ އާއި ޕީއެސްއެމް ބޯޑްގެ ކުރީގެ ޗެއާމަން އިބްރާހިމް އުމަރު މަނިކު އަދި މަޑުލު މުހައްމަދު ވަހީދެވެ.
އެ ފަރާތްތަކަށް މިރޭގެ ރަސްމިއްޔާތުގައި އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމެވެ.
ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން ލިބިވަޑައިގެން ބޭފުޅުންގެ ތެރެއިން އަހުމަދު އަބްދުﷲ އަކީ ރާއްޖޭގައި މިވަގުތު ނެރެމުން އަންނަ އެންމެ ގިނަ ދުވަސްވީ ނޫސް، މިއަދު ނޫސް އުފެއްދި އެ ނޫހުގެ ބާނީއެވެ. އަދި އޭނާ ވަނީ މިއަދު ނޫހުގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުންނަވައިގެން ނޫސްވެރިކަމާއި ނޫސްވެރިން ބިނާ ކުރުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ.
ނުވަ ދިހައިގެ ކުރީކޮޅު ނުކުތް "ހުކުރު" ނޫހާއި "ސަންގު" ނޫހުން ނޫސްވެރިކަމުގެ މަސައްކަތް ބޮޑަށް ފެނިގެންދިޔަ ރައީސް ނަޝީދަކީ ޖެހިލުންކުޑަ ނޫސްވެރިއެއްގެ ގޮތުގައި ރާއްޖޭގެ ނޫސްވެރިންގެ މެދުގައި މަޝްހޫރު ބޭފުޅެކެވެ. އެގޮތުން ނޫސްވެރިކަމުގެ މަސައްކަތުގެ ތެރެއިން އެކިކަހަލަ އަދަބުތައް ލިބިވަޑައިގެން އެތައް ދުވަހެއް ވަންދެން ބަންދުގައި ވެސް ހުންނެވިއެވެ.
އިބްރާހިމް އުމަރު މަނިކަކީ ނޫސްވެރިކަމުގެ ތެރެއިން ހާއްސަކޮށް ބްރޯޑްކާސްޓިންގެ ދާއިރާއިން ދިވެހިރާއްޖޭގެ އަޑުގައި އެކިއެކި މަގާމުތަކުގައި ނޫސްވެރިކަމުގެ މަސައްކަތް ގިނަ އަހަރުތަކެއް ވަންދެން ކުރައްވާފައިވާ ބޭފުޅެކެވެ.
އޭނާ ނޫސްވެރިކަމުގެ މަސައްކަތް ފައްޓަވާފައިވަނީ 1982 ވަނަ އަހަރު އިންފޮމޭޝަން ޑިޕާޓްމަންޓުގެ ރިޕޯޓަރެއްގެ ވަޒީފާއިންނެވެ. އެގޮތުން އިބްރާހިމް އުމަރު މަނިކު އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ ރޭޑިއޯ ޕްރޮގްރާމްތައް ތައްޔާރު ކުރުމާއި ހުށަހެޅުމާއި ރޭޑިއޯ އިން ކޮމެންޓްރީ ގެނެސްދިނުމުގައެވެ.
އިބްރާހިމް އުމަރު މަނިކަކީ ދިވެހިރާއްޖޭގެ އަޑު ހިންގަވާ އެންމެ އިސްވެރިޔާގެ އިތުރުން ދައުލަތުގެ މީޑިއާ ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގަން ފެށިފަހުން އެތަނުގެ ބޯޑުގެ ޗެއާމަންކަން ކުރެއްވި ބޭފުޅެކެވެ.
މިރޭ ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން ލިބިވަޑައިގެން މަޑުލު މުހައްމަދު ވަހީދު، ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ނޫސްވެރިކަމުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ނޫސްވެރިކަން ފެއްޓެވީ 1972 ވަނަ އަހަރު އޭރުގެ މަޝްހޫރު ނޫސް، "މޫންލައިޓް" އިންނެވެ.
މަޑުލު މުހައްމަދު ވަހީދު މިހާރު ވެސް ގެންދަވަނީ ނޫސްވެރިކަން ކުރުމާއި ނޫސްވެރިކަން ކުރިއެރުވުމުގެ އިތުރުން ނޫސްވެރިން ކިޔަވައިދެއްވުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.