ޚާރިޖީ ދާއިރާގެ އިސް ބޭފުޅަކު އޭނާގެ ދަށުން މަސައްކަތް ކުރާ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ ސޯޝިއަލް މީޑިއާގައި ވާހަކަތައް ފެތުރެމުންދާނީ، އެ މައްސަލަ ވީ އެންމެ ވަހަކަށް ބަލަން ޖެހޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.
މީގެ އިރުކޮޅެއް ކުރީން ދުންޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޚާރިޖީ ދާއިރާގެ އިސް ބޭފުޅެއްގެ މައްޗަށް އެފަދަ ބޮޑެތި ތުހުމަތު ތަކެއް ކުރެވެމުންދާތީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
"އެއީ ތެދެއް ކަމަށް ވާނަމަ، ކޮންމެ މުއައްސަސާއެއްގައި ނަމަވެސް ބާރުގެ ބޭނުން އެގޮތަށް ނަހަމަ ގޮތުގައި ހިފާ ނަމަ، ކަމުގެ ހަގީގަތް ބެލުމަށް އަވަސް ތަހުގީގެއް ހިންގަން ޖެހޭނެ." ދުންޔާ ވިދާޅުވި އެވެ.
ދުންޔާގެ ޓުވީޓުގައި އިތުރަށް ވިދާޅުވީ މިފަދަ ނުރައްކާތެރި ކުށްތައް ކުރާ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކުރާ އިރު، އެ އަނިޔާ ލިބުނު ފަރާތަށް ފުރިހަމަ ހިމަޔާތަކާއި ރައްކާތެރިކަން ދިނުމަކީ ވެސް ކަށަވަރުކުރާން ޖެހޭނެ ކަމެއް ކަމަށެވެ.
"މިފަދަ ސީރިއަސް މައްސަލަތައް ފޮރުވައިގެން ސިއްރުކޮށްގެން ތިބުމުގެ ސަގާފަތާ ދުރަށް އަޅުގަނޑުމެންގެ މުޖުތަމައު މިއަދު ދާން އެބަ ޖެހޭ،" ދުންޔާގެ ޓުވީޓު ނިންމަވައިލައްވަމުން ވިދަޅުވެފައިވެ އެވެ.
ދުންޔާ މިފަދަ ޓުވީޓެއް ކުރެއްވި އިރު ފޮރިން މިނިސްޓްރީގެ އިސް ފަރާތެއްގެ މައްޗަށް އެ މިނިސްޓްރީގެ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ވާހަކަތަކެއް ސޯޝިއަލް މީޑިއާގައި ދަނީ ފެތުރެމުންނެވެ. އެ މުވައްޒަފުންގެ އެ ކަން ދައުލަތުގެ ބައެއް ވަޒީރުންގެ ސަމާލު ކަމަށް ވެސް ގެނައި ކަމަށްވެ ޚަބަރުތައް އަންނަނީ ފެތުރެމުންނެވެ.
އެހެން ނަމަވެސް އެކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ.