ޚަބަރު

ނިމިދިޔަ ރިޔާސީ އިންތިހާބުން ޑިމޮކްރަސީ އިޔާދަކޮށް، އަނިޔާވެރި ވެރިކަމަކަށް ނިމުން ގެނެސްދިން: އެމްއާރުއެމް

ފަތޯނާ ފާއިޒު

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިިހާބުގައި ދިވެހި ރައްޔިތުން ނިންމި ނިންމުމަކީ، ޑިމޮކްރަސީގެ ހަމަތައް އަލުން އިޔާދަ ކުރުމަށްޓަކައި ނިންމި ނިންމުމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފައްދަވަން މަސައްކަތްކުރާ މޯލްޑިވްސް ރިޕޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.

މިއަދު ދުނިޔޭގައި ފާހަގަކުރާ ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި އެމްއާރްއެމުން ނެރުނު ބަޔާނެއްގައި ބުނީ، ނިމިގެން ދިޔަ ރިޔާސީ އިންތިހާބުން ހާމަވެގެން ދިޔައީ ދިވެހި ރައްޔިތުން ޑިމޮކްރަސީގެ ހަމަތަކަށް ލޯބި ކުރާ މިންވަރު ކަމަށެވެ.

އަދި އެ އިންތިހާބަކީ ރައްޔިތުންނަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި މި ސަރުކާރުން ޑިމޮކްރަސީ ނަގަހައްޓަން ކުރާ ހުރިހާ ކަމަކަށް އެމްއާރުއެމްގެ އެއްބާރުލުން ލިބޭނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

"އެ އިންތިހާބުގައި ދިވެހި ރައްޔިތުންވަނީ، ރައްޔިތުންނަށް ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ވޯޓުލުމުގެ ހައްގުގެ ބޭނުންކޮށް އަނިޔާވެރި ވެރިކަމަކަށް ނިމުން ގެނެސްދީފައެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔައި އެމްއާރުއެމްގެ ބަޔާނުގައި ބުނެފައިވަނީ، ރައީސް ޔާމީންގެ ވެރިކަމުން ކޮރަޕްޝަނާއި އަނިޔާވެރި އަމަލުތައް ހިންގީ ޑިމޮކްރަސީގެ ހަމަތަކުން ބޭރުން ކަމަށެވެ.