ޚަބަރު

ހައްޖުގެ ފުރުސަތު ދިނުމުގައި އިސްރަށްވެހިންނާއި ބަލި މީހުންނަށް އިސްކަން ދިނުމަށް އެދިވަޑައިގެންފި

ފަތޯނާ ފާއިޒު

ހައްޖަށް ގެންދިއުމަށް ފުރުސަތު ދިނުމުގައި ބޮޑެތި ބަލިތައް ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ އިސްކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ހައްޖު ކޯޕަރޭޝަނުގެ ކިބައިން އެދިވަޑައިގެންފިއެވެ.

ނައިބު ރައީސް އެކަމަށް އެދިވަޑައިގަތީ، ހައްޖުގެ ކޯޕަރޭޝަންގެ އިސްވެރިންނާ މިއަދު ރައީސް އޮފީހުގައި ބައްދަލުކުރައްވައި ހައްޖުގެ ކަންކަމާ ގުޅޭގޮތުން ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ހައްޖުގެ އަޅުކަން އަދާކުރަންދާ ފަރާތްތަކަށް އަމާޒުކޮށް ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި، ހާއްސަކޮށް އަތޮޅުތަކުގެ ރަށްރަށުގައި ވެސް ދުރާލައި ރާވައިގެން ހިންގައި ދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި ހައްޖު ކޯޕަރެޝަންގެ ފަރާތުން ވަނީ، ހައްޖުގެ އަޅުކަމަށް މީހުން ފޮނުވުމުގައި އިތުރަށް ރަނގަޅުކުރުމަށް އެ ކޯޕަރޭޝަނުން ބޭނުންވާ ކަންކަން ވެސް ނައިބު ރައީސްއާ ހިއްސާ ކުރައްވައިފައެވެ.

އެގޮތުން ހައްޖު ކޯޕަރޭޝަނަށް އިތުރު އާމްދަނީ ލިބޭނެ ގޮތްތައް ހޯދުމުގެ ގޮތުން ވަޤުފު އިމާރާތެއް އެޅުމަށް ބިމެއް ބޭނުންވާ ކަމަށާއި ހައްޖާޖީންގެ ކަންކަން ވީހާވެސް ފުރިހަމައަށް ކުރިއަށް ގެންދިއުމަށްޓަކައި ސައުދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް އިތުރަށް ދެއްވާ ކޯޓާ ވެސް ވީހާ އަވަހަށް ހަމަޖެހޭނެ ގޮތްވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.