ޚަބަރު

އިބޫގެ ސަރުކާރުން ގޯސްކޮށް ކަމެއް ކުރާނަމަ އެކަމާ ދެކޮޅަށް އަޑު އުފުލާނަން: ހިސާން

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގޯސްކޮށް ކަމެއް ކުރާނަމަ އެކަމާ ދެކޮޅަށް އަޑުއުފުލާނެ ކަމަށް ތުޅާދޫ ދާއިރާގެ މަޖިލިސް މެމްބަރުކަމަށް ކުރިމަތިލައްވާނެކަން އިއުލާން ކުރައްވާފައިވާ މަޝްހޫރު ގާނޫނީ ވަކީލާ ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހިސާން ވިދާޅުވީ އުސޫލާއި ގާނޫނީ ހަމައާއި ޚިލާފަށް ކަންކަން ކުރާއިރު އޭނާއަކީ އެކަމަކަށް ތާއީދު ކުރައްވާނެ ބޭފުޅެއް ނޫން ކަމަށެވެ.

"އަދި އަޅުގަނޑުގެ މިޒާޖަކީ އެކަހަލަ ކަންތައްތައް ހިނގަމުންދާއިރު ހަނުހުރުމެއްވެސް ނޫން. އެހެންވީމަ އަޅުގަނޑަށް ކަންކަން ގޯސްކޮށްދާ ކަމަށް ފެންނަ ނަމަ އަޅުގަނޑު، އެކަންކަން ފާހަގަކުރާނަން. ރައްޔިތުންގެ ހައްގުގައި ބަސް ބުނަންޖެހޭ ކޮންމެ ދަނޑިވަޅެއްގައި އަޅުގަނޑުގެ އަޑު އަޅުގަނޑު އުފުލާނަން،" ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ވެރިކަން ތަރުތީބުވެގެން އަންނަންވާނީ ގާނޫނު އަސާސީއާއި ގާނޫނުތަކުގައި ތަރުތީބު ކުރެވިފައިވާގޮތުގެ މައްޗަށް ކަމަށާއި ގޯހުން ކަމެއް ކުރަން ހިތްވަރުދޭ ބޭފުޅެއްގެ ގޮތުގައި އޭނާ ފެނިގެން ނުދާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް ފާސްކުރަންޖެހޭނީ ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އިމުގެ ތެރެއިން ކަމުގައިވިޔަސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މަޖިލީހުގެ ތެރެއިން ފެނިގެންދިޔައީ އެއިމުން ބޭރުން އަމަލުކުރި މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ގައުމުގެ ކަންކަން ހަމައިން ނެއްޓިގެން ދިޔަ އެއް ސަބަބަކީ ރައްޔިތުންގެ މަޖިލީސް ހިނގައިނުގަތުމުން ކަމަށެވެ.

"ރައްޔިތުންގެ މަޖިލީސް ފަންކްޝަން ކުރަން އެބަޖެހޭ ތަފާތު އެކި ގޮތްގޮތަށް. އެއް ޒިންމާއަކީ ގާނޫނު ފާސްކުރުން. އެއާ އެއްކޮށް މުއައްސަސާތައް ޖަވާބުދާރީކުރުވުން. ސަރުކާރުގެ ވުޒާރާތައް ޖަވާބުދާރީ ކުރުވުން. މިއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޒިންމާތަކެއް. ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާ އެއްވެސް މީހަކަށް ނުބުނެވޭނެ ގާނޫނު އަސާސީގައި އެ ކަނޑައަޅާފައިވާ އިމުގެ ބޭރުން ރައްޔިތުންގެ ހައްގެއް ނިގުޅައިގަންނަ ނަމަ އެއީ ކުރެވޭނެ ކަމެކޭ،" ހިސާން ވިދާޅުވިއެވެ.

ހިސާންގެ ވާހަކަފުޅުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާގޮތަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ކޮމެޓީތަކުގައި އަނެކާއަށް އޮޅޭގޮތަށް ބަސްތައް ތަރުތީބުކޮށް ގާނޫނުގައި ލިޔުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން އެކި ގޮތްގޮތަށް ގާނޫނު މާނަކުރުމަށް މަގުފަހިވާ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ގާނޫނެއް ލިޔާއިރު، ވަރަށް ފަސޭހަކަމެއް އަނެކާއަށް އެ ގާނޫނުގައި އޮންނަ އެއްޗެއް އޮޅޭގޮތަށް ބަސްތައް ތަރުތީބުކޮށްލުމަކީ. އެއިރުން މިވާގޮތަކީ ހަމަ ގަސްތުގައި އޮޅުމަށް ފުރުސަތު ހުޅުވާލައިގެން ގާނޫނު ބައްޓަން ކުރަނީ. އެއިރުން ގާނޫނު މާނަކުރުމުގައި ސަރުކާރުން ވިދާޅުވާނީ ވަކިއެއްޗެއް. މައްސަލަ ދިމާވެގެން އުޅޭ މީހުން މާނަކުރާނީ އެހެންގޮތަކަށް. ކޯޓުން އެ މާނަކުރާނީ މުޅިން އެހެންގޮތަކަށް. އެހެންވީމަ ވަރަށް މުހިންމުކަމެއް ހާސިލުވާންޖެހޭ މަގުސަދު ހާސިލްވާގޮތަށް އެންމެންނަށް ސާފުވާގޮތަށް އެ ގާނޫނުތައް ޑްރާފްޓްވެ ބައްޓަންވެގެން އައުން،" ހިސާން ވިދާޅުވިއެވެ.

"އެއީ ހަގީގަތުގައި އަޅުގަނޑު ގަބޫލުކުރާގޮތުގައި ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީގެން ކުރަންޖެހޭނެ މަސައްކަތެއް. އަޅުގަނޑަށް ހީވަނީ އެ މަސައްކަތް ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިވަގުތު ދަތިވެފައި މި އޮންނަނީ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ބައެއް ބޭފުޅުންނަކީ އެ މަސައްކަތަށް އެހާ ގާބިލް ބޭފުޅުން ނޫން ކަމަށް ވާތީކަން ނޭނގެ،"

ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިޚާބުކުރާ އިރު، އެފަދަ ކަންކަމަށް ވިސްނާވަޑައިގަތުމަށް ވެސް ހިސާން ވަނީ އިލްތިމާސް ކުރައްވާފައެވެ.