ޚަބަރު

ފަލަސްތީންގެ މައްސަލާގައި އދ. އަށް ހުށަހަޅާ ގަރާރުތަކަށް ފަލަސްތީނާ އެއްކޮޅަށް ވޯޓު ދޭނަން: ސަރުކާރު

ފަތޯނާ ފާއިޒު

ފަލަސްތީންގެ މައްސަލާގައި އދ. ގެ އާންމު މަޖިލީހުގައި ފަލަސްތީނަށް ތާއީދު ކޮށް ވޯޓުލާނެކަން ރާއްޖެއިން އިއުލާން ކޮށްފިއެވެ.

ކުރިއަށް އޮތް އދ. ގެ އާންމު މަޖިލީހަށް ފަލަސްތީނު މައްސަލާގައި ހުށަހެޅޭ ގަރާރުތަކުގައި އެ ގައުމާއި އެއްކޮޅަށް ވޯޓުލާނެކަން ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއުލާންކުރެއްވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ހާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމުގައި ސައުދީ އަރަބިއްޔާގެ ޖިއްދާގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ ފަލަސްތީނުގެ މައްސަލާގައި ދިވެހިން ތިބީ އެގައުމާއި އެކުގައި ކަމަށާއި އެކަމަށް ބަދަލެއް ނާންނާނެ ކަމަށެވެ.

އަދި މުސްލިމް އެހެން ގައުމުތަކުގެ ހާރިޖީ ވަޒީރުންނެކޭ އެއްފަދައިން މިނިސްޓަރ ޝާހިދު ވެސް ވަނީ، ކުރިއަށް އޮތް އިސްރާއީލުގެ އާންމު އިންތިހާބު ކާމިޔާބުވެއްޖެނަމަ ފަލަސްތީނުގެ އުރުދުން ވާދީ އާއި އެހެން ބައެއް ސަރަހައްދުތައް އިސްރާއީލުގެ ބައެއްގެ ގޮތުގައި ހަމަޖައްސަން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވި ވިދާޅުވުން ކުށްވެރިކުރައްވައިފައެވެ.

މީގެ އިތުރުން މިނިވަން ދައުލަތެއް ގާއިމްކުރުމަށް ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ ހައްގަށް ރާއްޖޭގެ ފުރިހަމަ ތާއީދު ލިބޭނެ ކަމަށާއި ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން މީހުން އާބާދުކުރުމާ ގުދުސްއަށް ބައެއް ގައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތައް ބަދަލުކުރުމަކީ ރާއްޖެއިން ދެކޮޅު ހަދާ ކަމެއްކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިސްލާމީ ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމެއް ބާއްވާފައި މިވަނީ އިސްރާއީލުގެ ބޮޑުވަޒީރުގެ ވާހަކަފުޅުތަކާ ގުޅިގެން އަޅަން ޖެހޭ ސިޔާސީ އަދި ގާނޫނީ ފިޔަވަޅުތައް އެޅުމަށް ސައުދީގެ އިސްނެގުމަކަށެވެ.

ފޮރިން މިނިސްޓަރު ޝާހިދު ސައުދީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް ބައިވެރިވެ ވަޑައިގަންނަވައެވެ.