ޚަބަރު

ކުރަން ޖެހިފައިވާ އެންމެ މުހިންމު ކަމަކީ އިންސާނީ ހައްގުތަކާއި އަސާސީ ހައްގުތައް ރައްކާތެރި ކޮށްދިނުން: ރައީސް

އިބްރާހިމް ޒަކީ

މިހާރު ކުރަން ޖެހިފައިވާ އެންމެ މުހިންމު ކަމަކީ ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އިންސާނީ ހައްގުތަކާއި އަސާސީ ހައްގުތައް ހިމާޔަތް ކުރުމާއި ރައްކާތެރިކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ.

ރައީސް ވިދާޅުވީ، ޑިމޮކްރެސީއަކީ ރައްޔިތުން އެދޭ ގޮތަށް ގައުމުގެ ކަންކަން ހިންގުން ކަމަށްވާއިރު ރައްޔިތުން އެދޭ ގޮތްތައް ކަނޑައެޅިފައިހުރީ، ރައްޔިތުންގެ މަންދޫބުން އެކަށައަޅާފައިވާ ގާނޫނުއަސާސީންނާއި ގާނޫނުތަކުން ކުރަހައިދޭ އިމުގެ ތެރޭގައި ކަމަށެވެ.

އެހެންކަމުން ރައްޔިތުންގެ ވެރިކަމަކީ ގާނޫނުގެ ވެރިކަމެއް ކަމަށާއި ގައުމުގެ ކޮންމެ ފަރުދަކުމެ އަދި ކޮންމެ މުއައްސަސާއެއްމެ ގާނޫނަށް ބޯލަނބައި ކިޔަމަންގަތުމުގެ މައްޗަށް ބިނާވެފައި އޮންނަ ވެރިކަމެއް ކަމަށް ވެސް ވިދާޅުވިއެވެ. އެކަމުގައި ދައުލަތުގެ އެންމެ މަތީ ވެރިޔާއިން ފެށިގެން ރައްޔިތުންގެ ކޮންމެ ފަރުދަކުމެ، އެއްވެސް އިސްތިސްނާއެއް ނެތި ޝާމިލުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ގައުމުގެ ކަންކަން ބަދަލުވެފައިވާއިރު، މިހާރު ކުރަން ޖެހިފައިވާ އެންމެ މުހިންމު ކަމަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އިންސާނީ ހައްގުތަކާއި އަސާސީ ހައްގުތައް ހިމާޔަތް ކުރުމާއި ރައްކާތެރިކޮށްދިނުމެވެ.

އޭގެ ތެރެއިން ވެސް އެންމެ އިސްކަން ދޭންޖެހިފައިވަނީ ދިރިހުރުމުގެ ހައްގާއި އަމިއްލަ މިނިވަންކަމާއި ނަފްސު ރައްކާތެރިކުރުމުގެ ހައްގު ހިމާޔަތް ކޮށްދިނުމަށް ކަމަށާއި އަދުލުވެރިކަމާއި ހާމަކަމާއެކު، އިންސާފުން ޝަރީއަތް ކުރެވުމުގެ ހައްގު ނަގަހައްޓައިދިނުމަށާއި ވަޒީފާ އަދާކުރުމާއި އާމްދަނީ ހޯދުމުގެ ހައްގު ރައްކާތެރި ކޮށްދިނުން ކަމަށް ވިދާޅުވިއެވެ.

އަދި ވިދާޅުވީ، ފުރިހަމަ ގޮތުގައި ބޭނުން ހިފާނަމަ، ޑިމޮކްރެސީއަކީ ކޮންމެ ގައުމަކަށް އަދި ކޮންމެ މުޖްތަމައަކަށް ވެސް، އުޖާލާ ކަމާއި އުފާވެރިކަން ގެނެސްދޭނެ ހަމަތަކެކެވެ. އަދި އެއީ އެބައެއްގެ ސަގާފަތާއި އެބައެއްގެ އަގީދާއާ ފުށުނާރާ ގޮތަށް އެ މުޖުތަމައަކަށް ފައްކާކުރެވޭ ހަމަތަކެކެވެ.

މި އުސޫލުން ރާއްޖޭގައި ޑިމޮކްރެސީ ހަރުދަނާކޮށް ދެމެހެއްޓުމުގައި ސާބިތުކަންމަތީ ސަރުކާރު ދެމިއޮންނާނެ ކަމަށާއި ކޮންމެ ރައްޔިތެއްގެ ކޮންމެ ހައްގެއް ހިމާޔަތްކޮށްދީ، ރައްކާތެރިކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް ރައީސްގެ ހިތާބުގައި ވިދާޅުވެފައިވެއެވެ.