ޚަބަރު

ޑިމޮކްރަސީ ހަރުދަނާކޮށް ދެމެހެއްޓުމުގައި ސަރުކާރުން ސާބިތުކަންމަތީ ދެމިއޮންނާނެ: ރައީސް

ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކޮށް ދެމެހެއްޓުމުގައި ސާބިތުކަންމަތީ ސަރުކާރު ދެމިއޮންނާނެ ކަމަށާއި ކޮންމެ ރައްޔިތެއްގެ ކޮންމެ ހައްގެއް ވެސް ހިމާޔަތްކޮށްދީ، ރައްކާތެރިކޮށްދޭނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ދިވެހި ރައްޔިތުންނަށް މި ޔަގީންކަން ދެއްވީ މިއަދު ފާހަގަކުރަމުން އަންނަ މިއަހަރުގެ ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ.

ހިތާބުގައި ރައީސް ވިދާޅުވީ، ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 15 ވަނަ ދުވަސް، ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ވަރަށް މުހިންމު މަގުސަދެއްގައި ކަމަށެވެ. އަދި ޑިމޮކްރަސީގެ އެންމެ ކުރު ތައާރަފަކީ، ރައްޔިތުންގެ ތެރެއިން ރައްޔިތުން އިހްތިޔާރުކުރާ ބަޔަކު، ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންނަށްޓަކައި ދައުލަތް ހިންގައިދިނުން ނުވަތަ ވެރިކަން ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ހަގީގަތަށް ބަލާއިރު، ގައުމުގެ ކަންކަން ކަނޑައެޅުމުގައި، ރައްޔިތުން ބައިވެރިވުމަކީ ކިހާ މުހިންމު ކަމެއްކަން، މިދިޔަ މަދު އަހަރުތަކުގެ ތެރޭގައި އެންމެން ވެސް ވަރަށް ގާތުން ތަޖުރިބާ ކުރައްވައިފި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރައްޔިތުންގެ އަސާސީ އެތައް ހައްގެއް ނިގުޅައިގަނެ، އެތައް މިނިވަން ކަމެއް ހިފެހެއްޓުމުން، ގައުމަށް ލޮޅުން އަރައިގެންދިޔަ މިންވަރު ވަޒަން ކުރެވިއްޖެއެވެ. ދައުލަތް ހިންގުމުގެ ނިޒާމް ފާލުން ނެއްޓި، މުއައްސަސާތައް ބަލިކަށިވެ، އެކަންކަމުގެ ގެއްލުން ވެސް އިހުސާސް ކުރެވިއްޖެއެވެ. ހަމައެފަދައިން ރައްޔިތުންގެ ބައިވެރިވުމާއެކު، ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ނެގެހެއްޓުމުން، ގައުމުގައި ހަމަޖެހުން ގާއިމުވެގެންދާ ގޮތްވެސް، މިދިޔަ އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް އަމަލީ ގޮތުން ތަޖުރިބާކުރެވިއްޖެއެވެ.،" ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ.

މިއަހަރުގެ ޑިމޮކްރަސީ ދުވަހަށް އދ. މަޖިލީހުން ކަނޑައަޅާފައިވާ ޝިއާރަކީ "ބައިވެރިވުން" (Participation) އެވެ.

ރައީސް ވިދާޅުވީ، މިއަހަރުގެ ޝިއާރަކީ ގައުމުގެ ކަންކަން އިސްލާހު ކުރުމުގައި ރައްޔިތުން ބައިވެރިވެ، އެމީހުން އެދޭ ގޮތް ހާމަކޮށް ބަސް ބުނުމުގެ މުހިންމުކަން ހަނދާންކޮށްދީ، އެކަމަށް ބާރުއަޅާ ޝިއާރެއް ކަމަށެވެ. ޑިމޮކްރަސީއަކީ އެންމެންގެ ޝާމިލުވުމާއި އެންމެންނާމެދު ހަމަހަމަކަމާއެކު މުއާމަލާތް ކުރުމާއި އެންމެންގެ ބައިވެރިވުމުގެ މައްޗަށް ބިނާވެފައި އޮންނަ ހަމަތަކެއް ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެއީ، ދެމެހެއްޓެނިވި ތަރައްގީ އާއި އިންސާނީ ހައްގުތަކާއި ސުލްހަ މަސަލަސްކަން ދަމަހައްޓައިދިނުމުގެ އަސާސީ ބަހާ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.