ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީއަށް މެމްބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ބާ ކައުންސިލުން މިއަދު ބުނީ އެ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީގެ ހުސްވެފައިވާ މެންބަރުކަމަށް ވަކީލަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން މިމަހު 28 ގައި އޮންނާނެ ކަމަށާއި، އެކަމަށް ކުރިމަރިލައްވަން ބޭނުންވާ ވަކީލުންނަށް މިއަދުން ފެށިގެން މިމަހު 19ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އަދި މިކަމަށްއެދޭ ފޯމާއި ތަކެތި ހުށަހަޅަންވާނީ މި އިންތިހާބުގެ ކަންކަން ބެލެހެއްޓުމަށް ގާއިމް ކޮށްފައިވާ މަރުކަޒު، ބާ ޖަމާލުއްދީނަށް ކަމަށާއި އެ ތަކެތި ބަލައިގަތުމުގެ ކަންތައް މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 3:00 އަށް ކުރިއަށްދާނެ ކަމަށްވެސް ބުނެފައިވެއެވެ.
މެންބަރު ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތު ތަކުގެ ތެރޭގައި ހިމެނެނީ، ގާނޫނީ ދާއިރާގައި މަސައްކަތްކުރުމުގެ ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި ގާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭފަދަ މައްސަލައެއް ޝަރުއީ ކޯޓަކުން ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައި ނުވުމާއި ގާނޫނީ ގޮތުން ބަނގުރޫޓު ވެފައިވާ މީހެއްކަމުގައި ނުވުން ނުވަތަ ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއްކަމުގެ ނުވުމެވެ.
މި އިންތިހާބަށް ކުރިމަތިލާންބޭނުންވާ އެޕްލިކޭޝަން ފޯމާއި އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިއުންތައް އިލެކްޝަންކޮމިޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.
ބާ ކައުންސިލްގެ މެމްބަރެއްގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަން ޖެހުނީ އެ ކައުންސިލްގައި އިންނެވި އައިޝާ ސުޖޫން ސުޕްރީމް ކޯޓުގެ ބެންޗަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވުމާ ގުޅިގެން އެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ބާ ކައުންސިލުން ބުނީ ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށްދާނީ މިމަހު 28 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 3:00 އަށް ކަމަށެވެ.
އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓުނަގައި ނިމޭތާ 30 މިނިޓްގެ ތެރޭގައެވެ.
އިިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ މިމަހު 29 ވާ އާދިއްތަ ދުވަހުކަމަށްވެސް ބުނެފައިވެއެވެ.
ބާ ކައުންސިލްގެ ބައި އިލެކްޝަންގެ ކަންތައް ކުރިއަށް ގެންދަނީ އިލެކްޝަންސް ކޮމިޝަނުންނެވެ.