ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ނައިބު ރައީސް ފައިސަލް ކަނޑޫދޫ ކައުންސިލާ ބައްދަލުކުރައްވައިފި

އާނިފާ ހުސެއިން ސިރާޖް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ތ. ކަނޑޫދޫ ކައުންސިލަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ މިއަދު ހެދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކަނޑޫދޫ ކައުންސިލަރުން ވަނީ އެ ރަށުގެ ތަރައްގީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކުގެ މައުލޫމާތާއި ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާ ބެހޭގޮތުން ނައިބު ރައީސާ މަޝްވަރާ ކުރައްވާފައި ކަމުގައެވެ.

އެގޮތުން ކަނޑޫދުއަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން ކައުންސިލަރުން އެންމެ ބޮޑަށް ފާހަގަކުރައްވާ ކަންތައްތަކުގެ ތެރޭގައި ކަރަންޓުގެ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، ކަނޑޫދުއަކީ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ރަށަކަށްވާއިރު، ދަނޑުވެރިންގެ ބައެއް ކަންބޮޑުވުންތައް ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާ ކުރައްވާފައި ވާކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ގެ ވާހަކަފުޅުގައި، ކަނޑޫދޫ ކައުންސިލަރުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާ މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މީގެ އިތުރުން ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅުއްވާފައިވާ އިސްލާހުތަކަކީ ކައުންސިލްތައް ބާރުވެރިކުރުވުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް ލިބޭ އިތުރު ހިތްވަރެއްކަން ފާހަގަކުރައްވައި، ކައުންސިލްތަކުން އިތުރަށް ޒިންމާދާރުވާން ކުރެވެން ހުރި މަސައްކަތްތައް ފާހަގަކުރައްވައި، އެކަންކަމަށް ހާއްސަ އިސްކަމެއް ދިނުމަށް ނައިބު ރައީސް ވަނީ އެދިވަޑައިގެންފައި ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.