ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީނަށް ޕްރޮޖެކްޓްތައް ލިބުނު ގޮތާއި ކަންކަން ބެލުން ވެސް ވަގުތާއި ހާލަތު ރަނގަޅުވާނެ ކަމަށް ވިދާޅުވެ، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ސައުދުﷲ އެ ރައްދު ދެއްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ވެސް ރިޔާސީ ޓިކެޓް ދިނީ ވެސް ޕްރައިމަރީއަކާ ނުލައި ކަމަށް ސައުދުﷲ ވިދާޅުވުމާއެކު ވަގުތާއި ހާލަތަށް ވެސް ބައެއް ފަހަރު ބަލަން ޖެހޭނެ ކަމަށް ވިދާޅުވެ މުބީން ޓުވީޓެއް ކުރެއްވުމުންނެވެ.
"ވަގުތާއި ހާލަތުގެ ވާހަކަ ވަރަށް ރަނގަޅަށް އެނގޭ މުބީނަށް ޕްރޮޖެކްޓްތައް ލިބުނު ގޮތާއި ކަންކަން ބެލުން ވެސް،" މުބީންގެ ޓުވީޓަށް ރައްދުދެއްވަމުން ސައުދުﷲ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
ކުރިން ސައުދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޕްރައިމަރީއާއި ރައްޔިތުންގެ ވޯޓު އެއީ އެކައްޗެއް ނޫން ކަމަށާއި މިއަހަރު އެމްޑީޕީން ރައީސް ނަޝީދަށް ރިޔާސީ ޓިކެޓު ދެއްވައި، އޭގެ ފަހުން އިބޫއަށް ޓިކެޓް ދެއްވީ ވެސް އާންމު މެމްބަރުންގެ ޕްރައިމަރީއަކުން ނޫން ކަމަށެވެ. އަދި އެގޮތަށް 12 މެމްބަރުންނަށް ވެސް ރައްޔިތުންގެ ވޯޓާ ކުރިމަތިލުމުގެ ހިތްވަރު އެބަ ހުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ގޮނޑީގެ މައްސަލަ ޖެހުނު 12 މެމްބަރުންނަށް ޓިކެޓް ދޭން ކޯލިޝަންގެ ލީޑަރުން އެއްބަސްވެފައިވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެފައިވާ އިރު، އެމްޑީޕީގެ ޓިކެޓް ދޭން ފެންނަނީ ޕްރައިމަރީއަކުން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.