ގަވާއިދާ ހިލާފުވެގެން މިދިޔަ ހަފުތާގެ ތެރޭގައި 544 ވެހިކަލެއްގައި ސްޓިކާ ޖަހާފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ ހަތަކުން މިމަހު 13 ގެ ނިޔަލަށް ގަވާއިދާހިލާފުވެެގެން 544 ވެހިކަލެއްގައި ވަނީ ސްޓިކާ ޖަހާފައެވެ. މިއީ ކުރީ ހަފުތާއާ އަޅާބަލާއިރު އިތުރު އަދަދެކެވެ. އެގޮތުން މިދިޔަ މަހުގެ 31 އިން މިމަހުގެ ހައެއްގެ ނިޔަލަށް ގަވާއިދާ ހިލާފުވެގެން ސްޓިކާ ޖަހާފައިވަނީ 340 ވެހިކަލެއްގައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން ޖުމުލަ 544 ވެހިކަލެއްގައި ސްޓިކާ ޖަހާފައިވާއިރު 70 ވެހިިކަލެއް ޓޯކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ވަނީ ގެންގޮސްފަ އެވެ.
މި މުއްދަތުގައި 56 އެކްސިޑެންޓް ހިނގިނަމަވެސް މި އެކްސިޑެންޓްތަކުގައި އަނިޔާވެފައިވަނީ ނުވަ މީހުންނަށް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި ފުލުހުން ވަނީ އެކްސިޑެންްޓްތަކާ ގުޅިގެން ހަ މީހެއްގެ ލައިސަންސް ވެސް ހިފަހައްޓާފަ އެވެ.
ލައިސެންސް ނުލައި ވެހިކަލް ދުއްވުމުގެ 62 މައްސަލައަކާއި ލައިސެންސް ނެތި ދުއްވުމުގެ 94 މައްސަލައެއް ފުލުހުން ވަނީ ބަލައިފައެވެ. މީގެ އިތުރުން ޓްރެފިކް ނިޝާންތަކާ ހިލާފަށް ދުއްވުމުގެ 10 މައްސަލައެއްވެސް ފުލުހުން ވަނީ ބަލައިފައެވެ.
ބާރަށް ދުއްވުމުގެ އެއް މައްސަލަ ވަނީ މި މުއްދަތުގެ ތެރޭގައި ރިކޯޑުކުރެވިފައި ކަމަށް ފުލުހުން ބުނެ އެވެ.
މީގެ އިތުރުން މި މުއްދަތުގެ ތެރޭގައި ޖުމުލަ 398 ވެހިކަލެއް ބަލައި ޗެކުކޮށް އިންޝުރެންސް އަދި ރޯޑް ވޯތިނެސް ހަމަނުވާ 62 ވެހިކަލެއް ރިކޯޑުކުރެވިފައިވާކަމަށްވެސް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.