އަލީ ރިފްޝާން
އިނގިރޭސި ޕްރިމިއާ ލީގުގައި ނޯވިޗް ސިޓީ އަތުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބަލިވުމުން، ލީގު ތާވަލުގެ އެއްވަނައިގައި ލިވަޕޫލަށް ފަސް ޕޮއިންޓުގެ ލީޑެއް ލިބިއްޖެއެވެ.
ރަށުން ބޭރުގައި ރޭ ކުޅުނު ޕްރިމިއާ ލީގު މެޗުގައި ނޯވިޗް އަތުން ސިޓީ ބަލިވީ 3-2ގެ ނަތީޖާއަކުންނެވެ. އެ ބައްޔަކީ މިއަހަރުގެ ޖެނުއަރީ މަހަށް ފަހު ޕްރިމިއާ ލީގު މެޗަކުން ސިޓީ ބަލިވި ފުރަތަމަ ފަހަރެވެ.
އެ މެޗުގެ 18 ވަނަ މިނެޓުގައި ނޯވިޗުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. އެމީ ބުއެންޑިއާ ނަގައިދިން ހުރަހަކުން ނޯވިޗަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކެނީ މެކްލީންއެވެ. ސިޓީގެ ޕެނަލްޓީ އޭރިއާ ތެރެއިން މެކްލީންއަށް ބޯޅަ ލިބުނު އިރު، އޭނާ ހުރީ ވަރަށް ހުސްކޮށެވެ.
ސިޓީން ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްތަކެއް ކުރަމުންދަނިކޮށް، މެޗުގެ 28 ވަނަ މިނެޓުގައި ލެވަންޓޭ އިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ޓީމޫ ޕުއްކީ ދިން ބޯޅައަކުން ނޯވިޗަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި މިޑްފީލްޑަރު ޓޮޑް ކޭންޓްވެލްއެވެ.
މެޗުގެ 31 މިނެޓުގައި ސިޓީއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޑޭވިޑް ސިލްވާ ނަގައިދިން ހުރަހަކުން ބެނާޑޯ ސިލްވާ ފޮނުވާލި އެ ހަމަލާ، އަމާޒުވީ ނޯވިޗް ގޯލުގެ ހުރަސް ދަނޑިއަށެވެ.
ގިނަ މަސައްކަތްތަކަކަށް ފަހު ސިޓީއަށް ލަނޑެއް ކާމިޔާބުކުރެވުނީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައެވެ. ބެނާޑޯ ސިލްވާ ދިން ބޯޅައަކުން ސިޓީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ ފޯވަޑް ސާޖިއޯ އަގުއެރޯއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1ގެ ނަތީޖާއަކުން ނޯވިޗް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ފަސް މިނެޓު ތެރޭ ނޯވިޗުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް، އަނެއްކާވެސް ލީޑު ފުޅާކޮށްފައެވެ. ބުއެންޑިއާ ނަގައިދިން ހުރަހަކުން ނޯވިޗަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޕުއްކީއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ސިޓީގެ އާޖެންޓީނާ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ.
މެޗުގައި ސިޓީން ކާމިޔާބުކުރި ފަހު ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. ގެބްރިއަލް ޖެސުސް ދިން ބޯޅައަކުން ސިޓީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މިސީޒަނުގައި އެކްލަބާ އަލަށް ގުޅުނު ސްޕެއިން މިޑްފީލްޑަރު ރޮޑްރިގޯއެވެ.
މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ސިޓީއަށް ނަތީޖާ ހަމަހަމަކޮށްލުމަށް ވެސް ފުރުސަތެއް ލިބިގެންދިޔައެވެ. ސާޖިއޯ އަގުއެރޯ ފޮނުވާލި އެ ހަމަލާ، ނޯވިޗްގެ ކީޕަރު ޓިމް ކްރުލް ވަނީ މަތަކޮށްފައެވެ.
އިއްޔެ ކުޅުނު ޕްރިމިއާ ލީގު މެޗުގައި ލިވަޕޫލުން ވަނީ ނިއުކާސަލް އަތުން މޮޅުވެފައެވެ. އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން ލިވަޕޫލް މޮޅުވީ 3-1ގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ ހަތްވަނަ މިނެޓުގައި ނިއުކާސަލަށް ޖެޓްރޯ ވިލިއަމްސް ލީޑު ހޯދައިދިން ނަމަވެސް، ލިވަޕޫލުން ވަނީ ފަހަތުން އަރައި ކުރި ހޯދައިފައެވެ. މެޗުގައި ލިވަޕޫލުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ސާޑިއޯ މާނޭ ކާމިޔާބުކޮށްދިން އިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހެވެ.
ޕްރިމިއާ ލީގު ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ލިވަޕޫލް އޮތީ ކުޅުނު ފަސް މެޗުން ހޯދި 15 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ސިޓީއަށް ފަސް މެޗުން ދިހަ ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ އާއި ހަތަރުވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ފަސް މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ. އޭގެ އިތުރުން ލެސްޓާ ސިޓީ އާއި ޗެލްސީއަށް ވެސް ފަސް މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ.