އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފި އެވެ.
ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވުމަށް ހަމަޖައްސާފައިވާ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ޝާހިދު ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ. ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މިނިސްޓަރު ޝާހިދު ޖިއްދާއަށް ވަޑައިގަންނަވަނީ އޯއައިސީ ކައުންސިލް އޮފް ފޮރިން މިނިސްޓަރސް އެކްސްޓްރާ އޯޑިނަރީ މީޓިންގައި ބައިވެރިވެވަޑައިގަތުމަށެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ޝާހިދު ފުރާވަޑައިގަތުމުގެ ކުރިން ކުރެއްވި ޓުވީޓެއްގައި ވަނީ ފަލަސްތީނަށް ކުރިމަތިވެފައިވާ ދަތިތަކާއި ގުޅިގެން މި ބައްދަލުވުމުގައި ވާހަކަ ދައްކަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އަބަދުވެސް ރާއްޖެއިން ފަލަސްތީނާއެކު ވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފޮރިން މިނިސްޓްރީން މައުލޫމަތު ދިން ގޮތުގައި އޯއައިސީ ކައުންސިލް އޮފް ފޮރިން މިނިސްޓަރސް އެކްސްޓްރާ އޯޑިނަރީ މީޓިން ބޭއްވުމަށް ހަމަޖައްސާފައިވަނީ މިއަދެވެ.