ޚަބަރު

އިނގިރޭސި ކިޔަވައި ދިނަސް، ސްކޫލްގައި ދިވެހި ބަހުން ވާހަކަދެއްކުމުގެ ފުރުސަތު ހޯދައިދޭން ޖެހޭ: ޔުމްނާ

މަރިޔަމް ޝަހުދާ

ސްކޫލް މާހައުލުގައި ދިވެހި ބަހުން މުހާތަބު ކުރުމަށް ދަރިވަރުންނަށް ފުރުސަތު ހޯދައިދޭންޖެހޭ ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ.

ނ. މަނަދޫގައި ބޭއްވި ތިލަދެކުނު އަދަބީ އީދު ނިންމުމަށް އެރަށުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބަހަށް ދަރިވަރުންދޭ އަހައްމިއްޔަތުކަން ކުޑަވެފައިވާއިރު ޅަފަތުން ފެށިގެން އަމިއްލާ ބަހާއި ވައްޓަފާޅި އަދި އާދަކާދަ ކުދިންނަށް އުނގަންނައިދޭން ޖެހޭ ކަމަށެވެ.

އެގޮތުން ސްކޫލުގައި މިހާރު އިނގިރޭސި ބަހުން ކިޔަވައިދޭއިރު، ސްކޫލް މާހައުލުން ދިވެހި ބަހުން މުހާތަބު ކުރަން މިހާރަށް ވުރެ ގިނަ ފުރުސަތު ދަރިވަރުންނަށް ހޯދައިދޭންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ، އަމިއްލަވަންތަކަން ހިފަހައްޓަން ޖެހޭއިރު، އަމިއްލަ ބަހާއި ދީނާއި ސަގާފަތާއި ތާރީހު ދޫކޮށްނުލާ ވެސް ކުރިއަރައިގެން ދެވޭނެ ކަމަށެވެ.

''ކުރިއަރަމުން އަންނަ އިރު އަމިއްލަ ވަންތަކަން ހިފަހައްޓައިގެން ކުރިއެރިދާނެ. އަޅުގަނޑުމެންގެ ދީނާ، އަޅުގަނޑުމެންގެ ބަހާ، ތާރީހާ، ސަގާފަތާ މި އެއްޗެހި ދޫކޮށްލައިގެންނެއް ނޫން އަޅުގަނޑުމެން ކުރިއަރައިގެންދާންވާނީ. މީ އަޅުގަނޑުމެންނަށް މުހިއްމު އެއްޗެހި. މިކަންކަން އަޅުގަނޑުމެން ހިމާޔަތް ކުރަން ޖެހޭ.'' މިނިސްޓަރު ވިދާޅުވިއެވެ.

ދިވެހި ބަހާއި އާދަކާދަ އާއި ސަގާފަތް ހިމާޔަތްކޮށް ކުރިއެރުވުމަށް ފާސްކުރި ސަގާފީ ތަރިކައިގެ ގާނޫނަށް އިޝާރާތްކުރައްވާ މިނިސްޓަރު ޔުމްނާ ވިދާޅުވީ، ގާނޫނެއްހެދި ނަމަވެސް ސަގާފީ ތަރިކަ ރައްކާތެރި ނުކުރެވޭނެ ކަމަށެވެ. އެކަންވާނީ އަމިއްލައަށް އެކަން ކުރަން ބޭނުންވެގެން ކަމަށާއި އެހެންކަމުން، އަންނަން އޮތް ޖީލު ތަކަށް ސަގާފަތާއި ތަރިކަ އުނގަންނައި ދިނުމަކީ މުހިއްމު ކަމެއް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ވިދާޅުވީ، ގައުމީ ފެންވަރުގައި ދިވެހިބަހުގެ އެކެޑަމީން ބާއްވަމުން އަންނަ އަދަބީ އީދަކީ ދަރިވަރުންނަށް ޅަފަތުން ފެށިގެން އަމިއްލާ ބަހާއި ވައްޓަފާޅި އަދި އާދަކާދަތައް އުނގަންނައިދިނުމަށް ލިބޭ ފުރުސަތެއް ކަމަށާއި މިފަދަ މުބާރާތްތަކުގެ ސަބަބުން ބަހާއި އަދަބިއްޔާތުގެ އިތުރުން ބަހާއި ގުޅޭ ހުނަރުތައް ދަރިވަރުންނަށް ދަސްވެގެންދާނެ ކަމަށެވެ.