ގައުމީ ފެންވަރުގައި ދިވެހިބަހުގެ އެކެޑަމީން ބާއްވަމުން އަންނަ އަދަބީ އީދު އަންނަ އަހަރު ޏ. ފުވައްމުލަކުގައި ބާއްވަން ނިންމައިފިއެވެ.
އެކަން އިއުލާންކުރެއްވީ، "މިލަދެކުނު އަދަބީ އީދު"ގެ ނަމުގައި މިއަހަރު ނ. މަނަދޫގައި ބޭއްވި އަދަބީ އީދުގެ ނަތީޖާ ފާޅުކުރުމަށް މިރޭ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީއެވެ.
އަޝްރަފް ވިދާޅުވީ، އެކަމާ މިކަމާ ގުޅިގެން މިހާރު ފުވައްމުލައް ކައުންސިލާއި މަޝްވަރާ ކުރައްވާފައިވާ ކަމަށާއި އަދި އެކަމަށް އެރަށު ކައުންސިލުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން މިހާރު ރަށު އަދި އަތޮޅު ފެންވަރުގައި ބާއްވަމުން އަންނަ އަދަބީ އީދުތައް ކުރިއަށް އޮތްތަނުގައި ގައުމީ ފެންވަރުގައި ކުރިއަށް ގެންދިއުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމުގެ އިންތިޒާމުތަކެއް ހަމަޖައްސަވާނެ ކަމަށް ވިދާޅުވިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފެށި މިލަދެކުނު އަދަބީ އީދުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރި ކޮށްދެއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.