ޚަބަރު

މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދަން ދިޔަ މީހަކު ހައްޔަރުކޮށްފި

މަރިޔަމް ޝަހުދާ

މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދަމުން ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އެ މީހާ ހައްޔަރުކުރީ، އިއްޔެ މެންދުރު 12:45 ހާއިރު މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދަމުންދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއެކު، ތުހުމަތު ކުރެވޭ ފަރާތުން އަނިޔާ ލިބޭ ފަރާތަށް ބިރު ދައްކައިގެން އޭނާގެ އަތުން އިތުރަށް ފައިސާ ހޯދަން ދިޔަ ވަގުތު ކަމަށެވެ.

ފުލުހުން ބުނީ، އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާއަކީ މީގެ ކުރިން ވެސް މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދުމުގެ ރެކޯޑް އޮތް މީހެއް ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.