ޚަބަރު

ސާކް "ސްޓާރޓްއަޕް ބޫޓްކޭމްޕް" ރާއްޖޭގައި ބާއްވަނީ

ސާކް އިން ބާއްވާ "ސްޓާރޓްއަޕް ބޫޓްކޭމްޕް" ރާއްޖޭގައި ބާއްވަން ނިންމައިފިއެވެ.

"ސާކް ސްޓާރޓްއަޕް ބޫޓްކޭމްޕް"އަކީ ކުރިއަރަމުން އަދި އުފެދެމުން އަންނަ ސްޓާރޓްއަޕްތަކަށް ބޭނުންވާ ފަދަ މާހައުލެއް ނެތް ގައުމުތަކަށް ހާއްސަކޮށްގެން ސާރކްގެ ޗެމްބާ އޮފް ކޮމާރސް އެންޑް އިންޑަސްޓްރީން ބާއްވާ ކޭމްޕެކެވެ.

ރާއްޖޭގައި ސްޓާރޓްއަޕް ބޫޓްކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ވިމެން އިން ޓެކް މޯލްޑިވްސްއާ ގުޅިގެން، މިމަހުގެ 24 އިން 26 އަށް، މާގިރި ހޮޓެލްގައެވެ.

ސްޓާރޓްއަޕް ބޫޓްކޭމްޕްގައި ބައިވެރިވެވޭނީ ފަތުރުވެރިކަމުގެ ދާއިރާ އާއި އީކޮމާރސް، އަންހެން ވިޔަފާރިވެރިން، ޓެކްނޮލޮޖީގެ ދާއިރާގެ އިތުރުން ބިޒްނަޒް އޮފް ރީޖަނަލް އިން ނޭޗާ ދާއިރާތަކުގައި ހަރަކާތްތެރިވާ ސްޓާރޓްއަޕްތަކަށެވެ.

ބޫޓްކޭމްޕްގައި ބައިވެރިވާ ސްޓާރޓްއަޕްތަކުގެ ތެރެއިން ރާއްޖެއިން އެންމެ ފާހަގަކޮށްލެވޭ ފަސް ސްޓާރޓްއަޕް އަކަށް ސާރކްގެ ޗެމްބަރ އޮފް ކޮމާރސް އެންޑް އިންޑަސްޓްރީގެ އެކްސްޕާރޓުންގެ އޮންލައިން މެންޓަރިންގ ލިބި، އިންވެސްޓަރުން ހޯދުމަށް މަގުފަހިވެ، ޗައިނާ ސައުތު އޭޝިއާ ބިޒްނަސް ފޯރަމް އަދި ކޮންފެޑެރޭޝަން އޮފް އޭޝިއާ ޕެސިފިކް ޗެމްބަރ އޮފް ކޮމާރސް އެންޑް އިންޑަސްޓްރީ އިން ބާއްވާ ކޮންފަރެންސްގައި ސާރކްގެ ޗެމްބަރ އޮފް ކޮމާރސް އެންޑް އިންޑަސްޓްރީގެ ޑެލިގޭޝަން އެއްގޮތުގައި ބައިވެރިވުމަށް މަގުފަހިވެގެންދާނެއެވެ.

އަދި ހޮވާލެވޭ ފަސް ސްޓާރޓްއަޕްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ސްޓާރޓްއަޕް އަކަށް ރާއްޖޭގެ ފަރާތުން، ސާރކްގެ ޗެމްބަރ އޮފް ކޮމާރސް އެންޑް އިންޑަސްޓްރީ އިން ބާއްވާ ސާރކް ސްޓާރޓްއަޕް އެވޯޑަށް ކުރިމަތިލުމަށް ފުރުސަތު ލިބިގެންދާނެއެވެ.

މި ބޫޓްކޭމްޕަށް ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ތާރިހަކީ މިމަހުގެ 22 ވަނަ ދުވަހެވެ.