ޚަބަރު

މަސްތުވާތަކެތީގެދޮރުތައް ބަންދުކުރަން ކަސްޓަމާއި ފުލުހުންނާއި ކޯސްޓްގާޑާއި އިމިގްރޭޝަން ތެދުވެރިވާންޖެހޭ

އިބްރާހިމް ޒަކީ

ރާއްޖެއަށް މަސްތުވާތަކެތި ވަންނަ ދޮރުތައް ބަންދު ކުރުމަށް، ކަސްޓަމްސްއާއި، ފުލުހުންނާއި، ކޯސްޓްގާޑާއި، އިމިގްރޭޝަން ފަދަ މުއައްސަސާތަކުން މިހާރަށްވުރެ ތެދުވެރިކަމާއި ހަރުދަނާކަމާއެކުގައި ހަގީގީ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނެޝަނަލް ޑްރަގް އެޖެންސީން އިންތިޒާމުކުރާ އޯޕަން ޑޭ 2019 ހުޅުއްވައި ދެއްވުމަށް މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، މަސްތުވާތަކެތިން ގައުމު ސަލާމަތް ކުރުމަށް ކުރަންޖެހޭ މުހިންމު މަސައްކަތަކީ، ނުވަތަ އަޅަންޖެހޭ އެންމެ މުހިންމު ފިޔަވަޅަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެވުން ހުއްޓުވުން ކަމަށެވެ. އަދި އެކަމަށްޓަކައި މަސްތުވާތަކެތި ވަންނަ ދޮރުތައް ބަންދުކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމުގައި މުހިންމު ދައުރެއް އަދާކުރަންޖެހޭ ވަރަށްގިނަ ފަރާތްތައް ހިމެނޭކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ކަސްޓަމްސް އާއި، ފުލުހުންނާއި، ކޯސްޓްގާޑާއި، އިމިގްރޭޝަން ފަދަ މުއައްސަސާތަކުން މިހާރަށްވުރެ ތެދުވެރިކަމާއި ހަރުދަނާކަމާއެކުގައި މަސައްކަތްކުރަންޖެހޭ ކަމަށެވެ.

"އަޅުގަނޑު މި ދެންނެވިހެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމުގައި މުހިންމު ދައުރެއް އަދާކުރަންޖެހޭ ވަރަށްގިނަ ފަރާތްތައް އެބަހުރި. ކަސްޓަމްސް އާއި، ފުލުހުންނާއި، ކޯސްޓްގާޑާއި، އިމިގްރޭޝަން ފަދަ މުއައްސަސާތަކުން މިހާރަށްވުރެ ތެދުވެރިކަމާއި ހަރުދަނާކަމާއެކުގައި ހަގީގީ މަސައްކަތްތަކެއް އެބަ ކުރަންޖެހޭ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާާޅުވީ، މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކޮށް، މަސްތުވާތަކެތީގެ ޝިކާރައަކަށް ވަމުންދާ ޒުވާން ޖީލު، އެ ވަބާއިން ސަލާމަތްކުރުމަށް މަސައްކަތް ކުރުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު، އަދި ވަރަށް އިސްކަން ދީފައިވާ ސިޔާސަތެއް ކަމަށެވެ.

އެ ސިޔާސަތުތައް ބައްޓަން ކޮށްފައިވާނީ މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކޮށް، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވައި، މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް ފަރުވާދީ، ތަރުބިއްޔަތުދީ، ތަމްރީނު ދީގެން އެމީހުން އަލުން އަނބުރާ މުޖުތަމައަށްނެރުމަށް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ ވަބާ މި ގައުމުން ފޮހެލުމުގައި މުޅި މުޖުތަމައުގެ، އަދި އަމިއްލަ ފަރުދުންގެ ދައުރު ވަރަށް މުހިންމު ކަމަށެވެ.

އަދި މަސްތުވާތަކެތީގެ ވަބާއިން އަޅުގަނޑުމެންގެ މުޖުތަމައު ސަލާމަތް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި، މުޅި މުޖުތަމައު ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެއީ ބޭނުންވާ ނަތީޖާއާ ހަމައަށް ވާސިލުވުމަށް ހިނގަންޖެހޭ މަގު ކުރުވެ، ބޭނުންވާ ނަތީޖާ، މާ އަވަހަށް ހާސިލުވާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.