އިބްރާހިމް ޒަކީ
އިލެކްޝަންސް ކޮމިޝަނާ ދޭތެރޭގައި ރައްޔިތުންގެ ހިތްތަކުގައި ޝައްކު އުފައްދަން، ހަގީގަތާ ހިލާފް ވާހަކަ ނުދެއްކުމަށް ސިޔާސީ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.
ބައިނަލް އަގުވާނީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި އިލެކްޝަންސް ކޮމިޝަނުން އިންތިޒާމުކޮށްގެން މިއަދު ބޭއްވި "ޑިމޮކްރަސީ ރަން" ފެށުމުުގެގޮތުން ވާހަކަ ދައްކަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ، ޑިމޮކްރަސީ އަކީ ރައްޔިތުންގެ ވެރިކަން ކަމަށެވެ. އަދި ރައްޔިތުންގެ އަޑު އުފުލައިދޭ ބަޔަކީ އިލެކްޝަންސްކޮމިޝަނާއި އެ ކޮމިޝަނުން ބާއްވާ އިންތިހާބުތައް ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން ކުރާ މަސައްކަތްތަކާބެހޭގޮތުން ރައްޔިތުންގެ ހިތްތަކުގައި ޝައްކު އުފައްދައި، ހަގީގަތާ ހިލާފް ވާހަކަތައް ނުދެއްކުމަށް ސިޔާސީ ފަރާތްތަކަށް ޝަރީފް އިލްތިމާސް ކުރެއްވިއެވެ.
ޝަރީފް ވިދާޅުވީ އިލެކްޝަންސްގެ މަސައްކަތަކީ ހާމަވެގެންވާ ގާނޫނު ތަކާއި ގަވާއިދު ތަކާ އެއްގޮތަށް ކުރަމުންދާ މަސައްކަތްތަކެއް ކަމަށެވެ. އެހެންކަމުން އެކަން ވަރަށް ހާމަކަންބޮޑުކޮށް ރައްޔިތުންނަށް އެނގޭ ކަމަށްވެސް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބާއި ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އިޝާރާތް ކުރައްވައި ޝަރީފް ވިދާޅުވީ، އެ ކޮމިޝަނުން ފްރީ އެންޑް ފެއާ އިލެކްޝަނެއް ރައްޔިތުންނަށް ބާއްވައިދީފައި ވާނެ ކަމަށެވެ.
"ބަޔަކު ފްރީއެންޑް ފެއާ އިލެކްޝަނެއް ނޫނެކޭ ބުންޏަސް އަދި ބަޔަކު އެކަމަށް ފާޑުކީކަމުގައިވިޔަސް އަޅުގަނޑުމެން ވާނީ އެކަން ސާބިތުކޮށްދީފަ، އެއީ ފްރީއެންޑް ފެއާ އިލެކްޝަނެއްކަން، އަދި ބައިނަލް އަގުވާމީ އޮބްޒާވަރުންނާއި ލޯކަލް އޮބްޒާވަރުން ދީފައިހުރި ކޮމެންޓްސް އަށް ބަލާއިރު ގައި މިކަމުގައި ފްރީއެންޑް ފެއާ އިލެކްޝަނެއް ނޫންކަމަށް ޝައްކު ކުރެވޭ އެއްވެސް ކަމެއް ހާމަވެފައެއްނެތް،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ކޮމިޝަންގެ މަސައްކަތާ ގުޅޭގޮތުން ފާޑުފާޑުގެ ތުހުމަތުތައްްކޮށް، ހަގީގަތާ ހިލާފު ވާހަކަ ދައްކައި، ސާބިތު ނުހިފޭ ވާހަކަ ދެއްކުމަކީ އިކެޝަންސް ކޮމިޝަން ގަބޫލު ކުރާނެ ކަމެއްނޫން، ކަމަށެވެ.
ބައިނަލް އަގުވާމީ ޑިމޮކްރަސީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު 15ވަނަ ދުވަހެވެ.
ޝަރީފް ވިދާާޅުވީ، މާދަމާއަކީ ޑިމޮކްރަސީ ދުވަސް ކަމަށްވެފައި، މިއަދު "ޑިމޮކްރަސީ ރަން" ބޭއްވި މާދަމާއަކީ އާދިއްތަ ދުވަސް ކަމަށްވެފައި އެ ދުވަހަކީ ސަރުކާރުގ މަސައްކަތު ދުވަސްކަމުން ރަން ބޭއްވުމަށް ދަތިތަކެއް ކުރިމަތިވެދާނެތީ ކަމަށެވެ.