ނޭޝަނަލް ޑްރަގް އެޖެންސީގެ އިމާރާތް ހުޅުމާލެއަށް ބަދަލު ކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ނެޝަނަލް ޑްރަގް އެޖެންސީން އިންތިޒާމުކުރާ އޯޕަން ޑޭ 2019 ހުޅުއްވައި ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވީ، ޑްރަގް އޭޖެންސީ ހުޅުމާލެއަށް ބަދަލުކުރަން ނިންމާފައިވަނީ، އިމާރާތުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދީ، ޒަމާނީ ވަސީލަތްތަކާއިއެކު ވަށައިޖެހޭ ފަރުވާގެ ނިޒާމެއް ގާއިމުކޮށް ހިދުމަތް ފުޅާ ކުރުމަށްޓަކައި ކަމަށެވެ.
އެ ބަދަލުތަކާއެކު ނޭޝަނަލް ޑްރަގް އޭޖެންސީގެ ހިދުމަތްތައް ތަރައްގީ ކުރެވޭއިރު، ޒަމާނީ ޑީޓޮކްސް ކްލިނިކަކާއި ފަރުވާގައި ތިބޭ މީހުން އުފައްދާ ތަކެތި ވިއްކާނެ ބިޒްނަސް ސެންޓަރެއްވެސް އެތަނުގައި ތަރައްގީ ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ކުޑަކުދިންނާއި އަންހެނުންނަށް ހާއްސަކޮށް، އެމީހުންނަށް ވަކިން ފަރުވާ ދެވޭނެ އިންތިޒާމު ތަކާއި ޒަމާނީ ތަހުލީލުތައް ކުރެވޭ ލެބޯޓްރީއަކާއި ގައުމީ ދިރާސާ މަރުކަޒަކާއި ހިލޭ ކައުންސިލިންގ ދެވޭނެ އިންތިޒާމުތައްވެސް މި އިމާރާތުގައި ގާއިމު ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާާޅުވިއވެ.
"ނޭޝަނަލް ޑްރަގް އޭޖެންސީ މިހާރު ހިންގާ އިމާރާތުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދީ، ޒަމާނީ ވަސީލަތްތަކާއިއެކު ވަށައިޖެހޭ ފަރުވާގެ ނިޒާމެއް ގާއިމުކޮށް ހިދުމަތް ފުޅާ ކުރުމަށްޓަކާ ނޭޝަނަލް ޑްރަގް އެޖެންސީގެ އިމާރާތް ހުޅުމާލެއަށް ބަދަލު ކުރުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފަ. މި ގެނެވޭ ބަދަލާއެކު ނޭޝަނަލް ޑްރަގް އޭޖެންސީގެ ހިދުމަތްތައް ތަރައްގީ ކުރެވޭއިރު، ޒަމާނީ ޑީޓޮކްސް ކްލިނިކަކާއި ފަރުވާގައި ތިބޭ މީހުން އުފައްދާ ތަކެތި ވިއްކާނެ ބިޒްނަސް ސެންޓަރެއްވެސް އެތަނުގައި ތަރައްގީ ކުރެވޭނެ. މީގެއިތުރުން ކުޑަކުދިންނާއި އަންހެނުންނަށް ހާއްސަކޮށް، އެމީހުންނަށް ވަކިން ފަރުވާ ދެވޭނެ އިންތިޒާމު ތަކާއި ޒަމާނީ ތަހުލީލުތައް ކުރެވޭ ލެބޯޓްރީއަކާއި ގައުމީ ދިރާސާ މަރުކަޒަކާއި ހިލޭ ކައުންސިލިންގ ދެވޭނެ އިންތިޒާމުތައްވެސް މި އިމާރާތުގައި ގާއިމު ކުރެވޭނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރ، މާލެއަތޮޅު ގުޅިފަޅުގައި ގާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ. އަދި މަސްތުވާތަކެތި ބޭނުންކުރުމާއި، އަތުގައި ބަހައްޓައިގެން މަގުމަތީގައި ވިއްކުން ފަދަ މައްސަލަތަކުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުން ބަންދުގެ މުއްދަތުގައި، ނުވަތަ ތަހުގީގީ މަރުހަލާގައި އެފަރާތްތަކަށް ލިބެންޖެހޭ އަސާސީ ފަރުވާއަށް ހާއްސަ ކުރެވޭ ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރ މިހާތަނަށް ގާއިމް ވެފައި ނެތުމުން ދަތިތަކެއް ދިމާވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ ސެންޓަރު ގާއިމުކުރުމަކީ މަސްތުވާ ތަކެއްޗާބެހޭ ގާނޫނުން ލާޒިމުކޮށްފައިވާ ކަމެއް ކަމަށެވެ.