ޚަބަރު

މަސްތުވާތަކެތިން ސަލާމަތްވުމަށް މުހިއްމީ އެތަކެތި ރާއްޖެއަށް ވަންނަ ދޮރުތައް ބަންދުކުރުން: ރައީސް

އިބްރާހިމް ޒަކީ

މަސްތުވާތަކެތިން ގައުމު ސަލާމަތް ކުރުމަށް ކުރަންޖެހޭ މުހިންމު މަސައްކަތަކީ ނުވަތަ އަޅަންޖެހޭ އެންމެ މުހިންމު ފިޔަވަޅަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެވުން ހުއްޓުވުން ކަމަށް ރައީސުލް ޖުމްހޫރިއްހާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ނެޝަނަލް ޑްރަގް އެޖެންސީން އިންތިޒާމުކުރާ އޯޕަން ޑޭ 2019 ހުޅުއްވައި ދެއްވުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަސްތުވާތަކެތިން ގައުމު ސަލާމަތް ކުރުމަށް އެތަކެތި ރާއްޖެއަށް ވަންނަ ދޮރުތައް ބަންދުކުރަން ޖެހޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެކަމަކީ ވަރަށް އުނދަގޫކަމެއް ކަމަށެވެ. އަދި އެއީ ބަޔަކު ކުރަމުންދާ ބޮޑު ވިޔަފާރިއެއް ހުއްޓުވާލުން ކަމަށެވެ. އަދި ރާއްޖޭގައި އެ ވިޔަފާރި ހިންގާ ފަރާތްތައް ވަނީ މި ސަރަޙައްދާއި ދުނިޔޭގެ ބޮޑެތި ނެޓްވާކްތަކާ ގުޅިފައި ކަމަށްވެސް ވިދާޅުވިއެވެ.

އަދި މިއީ ފެންނަން އޮތް ހަގީގަތެއް ކަމަށާއި، ރާއްޖޭގެ ބައެއް ފަރާތްތަކުން އަފްޣާނިސްތާން، ޕާކިސްތާނު ބޯޑަރަށް ގޮސް، މަސްތުވާތަކެތި އުފައްދާ ފަރާތްތަކާ ބައްދަލުކޮށް، އެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ކުރަމުން އެބަ ގެންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ ފަރާތްތަކުން ރާއްޖެ ބޭނުންކުރަނީ ޓްރާންޝިޕް ޕޯޓެއްގެ ގޮތުގައި ކަމަށާއި، ރާއްޖެއަށް މަސްތުވާތަކެތި ވިއްކުމުގެ އިތުރަށް، ރާއްޖެ ޓްރާންސްޝިޕްމަންޓް ޕޯޓެއްގެ ގޮތުގައި ބޭނުންކޮށް، މުޅި ދުނިޔެއަށް މަސްތުވާތަކެތި ގެންދާ މަންޒިލަކަށް އެމީހުން ރާއްޖެ ބަދަލުކުރަމުން ގެންދާކަމަށެވެ.

"އަޅުގަނޑުމެން މި ދައްކަނީ ވަރަށްބޮޑު އުނދަގޫ ކަމެއްގެ ވާހަކަ. މި ދައްކަމުން ގެންދާ ވާހަކައަކީ، ބަޔަކު ކުރަމުންގެންދާ ބޮޑު ވިޔަފާރިއެއް ހުއްޓާލާ ވާހަކަ. ރާއްޖޭގައި މި ވިޔަފާރި ހިންގާ ފަރާތްތައް ވަނީ މި ސަރަޙައްދުގެ އަދި ދުނިޔޭގެ ބޮޑެތި ނެޓްވަރކްތަކާ ގުޅިފައި. މިއީ ފެންނަން އޮތް ޙަޤީޤަތެއް. ރާއްޖޭގެ ބައެއް ފަރާތްތަކުން އަފްޣާނިސްތާން، ޕާކިސްތާނު ބޯޑަރަށް ގޮސް، މަސްތުވާތަކެތި އުފައްދާ ފަރާތްތަކާ ބައްދަލުކޮށް، އެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ކުރަމުން އެބަ ގެންދޭ. އަދި މި ފަރާތްތަކުން ރާއްޖެ ބޭނުންކުރަމުން ގެންދަނީ، އެއީ ޓްރާންޝިޕް ޕޯޓެއްގެ ގޮތުގައި. ރާއްޖެއަށް މަސްތުވާތަކެތި ވިއްކުމުގެ އިތުރަށް، ރާއްޖެ ޓްރާންސްޝިޕްމަންޓް ޕޯޓެއްގެ ގޮތުގައި ބޭނުންކޮށް، މުޅި ދުނިޔެއަށް މި މަސްތުވާތަކެތި ގެންދާ މަންޒިލަކަށް ރާއްޖެ އެމީހުން ބަދަލުކުރަމުން އޭގައި އެބަ ގެންދޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމުގައި މުހިންމު ދައުރެއް އަދާކުރަންޖެހޭ ވަރަށްގިނަ ފަރާތްތައް އެބަހުރި ކަމަށެވެ. ކަސްޓަމްސްއާއި، ފުލުހުންނާއި، ކޯސްޓްގާޑާއި، އިމިގްރޭޝަން ފަދަ މުއައްސަސާތަކުން މިހާރަށްވުރެ ތެދުވެރިކަމާއި ހަރުދަނާކަމާއެކުގައި ހަގީގީމަސައްކަތްތަކެއް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް މި ސަރުކާރުން މިހާތަނަށްވެސް ވާނީ ގިނަ މަސައްކަތްތަކެއް ކޮށްފައި ކަމަަށާއި، މި މަސައްކަތްތަކުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކޮށްފައިވާ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވައި، މަސްތުވާތަކެތީގެ ވަބާގައި މީހުން ޖެއްސުމަށް އޮޕަރޭޓް ކުރަމުން ގެންދިޔަ ސިއްރު ކެފޭތަކެއް ހޯދައި، އެތަންތަން ބަންދު ކުރެވިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.