އިބްރާހިމް ޒަކީ
މަސްތުވާ ތަކެއްޗާ ބެހޭ ގާނޫނު ޒަމާނާ އެއްގޮތަށް ބަދަލު ކުރައްވަން، މިއަހަރު އެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ނެޝަނަލް ޑްރަގް އެޖެންސީން އިންތިޒާމުކުރާ އޯޕަން ޑޭ 2019 ހުޅުއްވައި ދެއްވުމަށް މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަސްތުވާ ތަކެއްޗާ ބެހޭ ގާނޫނަށް ޒަމާނާއި، ހާލަތާ ގުޅޭ އިސްލާހު ތަކެއް ގެނައުމަށް މަސައްކަތް ކުރައްވަމުންދާކަމަށެވެ.
އަދި އެ ގާނޫނު މުރާޖައާކޮށް މި ޒަމާނަށް ފެތޭ ގޮތަށް، މަަސްތުވާތަކެއްޗާބެހޭ ފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށާއި އެކަމާއި ގުޅުންހުރި އެހެނިހެން ކަންކަން މިހާރަށް ވުރެ ހަރުދަނާ ކުރުމަށްޓަކައި އެ ގާނޫނަށް ގެންނަން ޖެހޭ މުހިންމު ބަދަލުތައް އެބަހުރި ކަމަށްވެސް ވިދާޅުވިއެވެ.
"މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ޒަމާނާއި، ހާލަތާ ގުޅޭ އިސްލާހުތަކެއް ގެނައުމުގެ މަސައްކަތްވެސް އަޅުގަނޑު މިދަނީ މިހާރު ކުރަމުން. މި ޤާނޫނު މުރާޖައާކޮށް، މި ޒަމާނަށް ފެތޭގޮތަށް ފަރުވާގެ ކަންކަން ކުރިއަށް ގެންދިޔުމަށް މަގުފަހިކުރުމަށް، މިކަމާ ގުޅުންހުރި އެހެނިހެން ކަންކަން މިހާރަށްވުރެ ހަރުދަނާ ކުރުމަށްޓަކައި، އެ ގާނޫނަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް ގެނައުމަށް، މި އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް އަޅުގަނޑު ވާނީ ގަސްދުކޮށްފައި،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ އާބާދީގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ އާބާދީ އަކީ ބޮޑެތި މީހުންނާ އެކަހެރިކޮށްގެން ހާއްސަ ތަރުބިއްޔަތު ތަކަކާއި ހާއްސަ ފަރުވާތަކެއް ދޭން ޖެހޭ ބައެއްކަމަށާއި، މިފަދަ ކުޑަކުދިންނަށް ފަރުވާދޭ މަރުކަޒެއް، ގާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި، މިމަރުކަޒު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެކަމަށާއި، މިއާއެކު މަސްތުވާ ތަކެތީގެ ވަބާގައި ޖެހިފައިވާ ކުދިން އެވަބާއިން ސަލާމަތްކުރުމަށްޓަކައި އެކުދިންނާ، ކުދިންގެ އާއިލާތަކަށް ދޭންޖެހޭ ރީހެބިލިޓޭޝަން ފަރުވާ ދިނުމަށްޓަކާ ބޭނުންވާ ފަންނީ މުވައްޒަފުން ތަމްރީން ކުރުމުގެ މަސައްކަތް ވެސް ފެށިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި ދައުލަތުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.