ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރ، ގުޅިފަޅުގައި ގާއިމުކުރުމަށް ވަނީ ނިންމައިފަ: ރައީސް

އިބްރާހިމް ޒަކީ

ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރ، މާލެއަތޮޅު ގުޅިފަޅުގައި ގާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނެޝަނަލް ޑްރަގް އެޖެންސީން އިންތިޒާމުކުރާ އޯޕަން ޑޭ 2019 ހުޅުއްވައި ދެއްވުމަށް މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކުރުމާއި، އަތުގައި ބަހައްޓައިގެން މަގުމަތީގައި ވިއްކުން ފަދަ މައްސަލަތަކުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުން ބަންދުގެ މުއްދަތުގައި، ނުވަތަ ތަހުގީގީ މަރުހަލާގައި އެފަރާތްތަކަށް ލިބެންޖެހޭ އަސާސީ ފަރުވާއަށް ހާއްސަ ކުރެވޭ ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރ މިހާތަނަށް ގާއިމް ވެފައި ނެތުމުން ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ. އަދި އެ ސެންޓަރު ގާއިމުކުރުމަކީ މަސްތުވާ ތަކެއްޗާބެހޭ ގާނޫނުން ލާޒިމުކޮށްފައިވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

"މަސްތުވާތަކެތި ބޭނުން ކުރުމާއި އަތުގައި ބަހައްޓައިގެން މަގުމަތީގައި ވިއްކުން ފަދަ މައްސަލަ ތަކުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުން ބަންދުގެ މުއްދަތުގައި، ނުވަތަ ތަހުގީގީ މަރުހަލާގައި އެފަރާތްތަކަށް ލިބެންޖެހޭ އަސާސީ ފަރުވާއަށް ހާއްސަ ކުރެވޭ ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރު މާލެ އަތޮޅު ގުޅިފަޅުގައި ގާއިމު ކުރުމަށް ސަރުކާރުން މިހާރުވަނީ ނިންމާފައި. މިހާތަނަށް ގާއިމު ނުކޮށް އޮތް ނަމަވެސް، މި ސެންޓަރ ގާއިމު ކުރުމަކީ މަސްތުވާ ތަކެއްޗާބެހޭ ގާނޫނުން ލާޒިމުކޮށްފައިވާ ކަމެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާާޅުވީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ އާބާދީގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ އާބާދީއަކީ، ބޮޑެތި މީހުންނާ އެކަހެރިކޮށްގެން ހާއްސަ ތަރުބިއްޔަތުތަކަކާއި، ހާއްސަ ފަރުވާތަކެއް ދޭންޖެހޭ ބައެއް ކަމަށެވެ.

މަސްތުވާތަކެތި ބޭނުންކުރާ ކުޑަކުދިންނަށް ފަރުވާ ދިނުމަށް ގާނޫނުން ލާޒިމުކުރާ މަރުކަޒު މިހާތަނަށްވެސް ގާއިމުކުރެވިފައި ނުވާތީ، އެފަދަ ކުދިންނަށް ދޭންޖެހޭ ފަރުވާ ދޭން ފެށިފައި ނުވާ ވާހަކަ ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މި މަރުކަޒު ގާއިމުކުރުމުގެ ޢަމަލީ މަސައްކަތް، މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށެވެ. މިއާއެކު މަސްތުވާ ތަކެތީގެ ވަބާގައި ޖެހިފައިވާ ކުދިން، އެ ވަބާއިން ސަލާމަތްކުރުމަށްޓަކައި އެކުދިންނާއި، އެ ކުދިންގެ އާއިލާތަކަށް ދޭންޖެހޭ ރީހެބިލިޓޭޝަން ފަރުވާ ދިނުމަށްޓަކައި ބޭނުންވާ ފަންނީ މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތްވެސް ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.