އެވިޑް ކޮލެޖް

އެވިޑް ކޮލެޖުގެ ކުލަ ބަދަލުކޮށް، 14 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

އާނިފާ ހުސެއިން ސިރާޖް

ރާއްޖޭގޭ ލީޑިން ޕްރައިވެޓް ކޮލެޖެއް ކަމަށްވާ އެވިޑް ކޮލެޖުގެ ކުލަ ބަދަލުކޮށް، އެ ކޮލެޖުގެ 14 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

އެވިޑް ކޮލެޖުގެ 14 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ އެ ކޮލެޖުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި އެވިޑުން ބޭނުންކުރާ ކުލަ ބަދަލުވެފައިވާކަން ވަނީ އިއުލާންކޮށްފައެވެ. މީގެ ކުރިން އެ ކޮލެޖުން ފެހި ކުލަ ބޭނުންކުރަމުންދިޔަ ނަމަވެސް، އެ ކޮލެޖުން ދެން ބޭނުންކުރާނީ ރަން އަދި އަޅި ކުލައެވެ. އޭގެ ތެރެއިން ކޮލެޖުގެ މައި ކުލައެއްގެ ގޮތުގައި ބޭނުންކުރާނީ އަޅި ކުލައެވެ.

އެ ރަސްމިއްޔާތުގައި އިންޓަނޭޝަނަލް ކޮލެޖެއް ޔޫކޭގައި ރަޖިސްޓަރީކޮށްފައިވާކަން ވެސް ވަނީ އިއުލާންކޮށްފައެވެ. އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުޝްތާގު ރަޝާދު ވިދާޅުވީ ރާއްޖޭގެ އެހެން ކޮލެޖުތަކުން ނުކުރާ އެތައް ކަމެއް އެވިޑް ކޮލެޖުން ކޮށްފައިވާ ކަމަށާއި އެގޮތުން އެވިޑް ކޮލެޖުން މިހާރު އެވިޑް އިންޓާނޭޝަނަލް ކޮލެޖެއް ޔޫކޭގައި ރަޖިސްޓަރީކޮށްފައިވާ ކަމަށެވެ.

އެވިޑް ކޮލެޖުން ކިޔަވައިދިނުމުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް މަސައްކަތްކުރާކަން ފާހަގަކޮށް މުސްތާގު ވިދާޅުވީ ވަރަށް ކައިރި މުސްތަގުބަލެއްގައި އެ ކޮލެޖުގެ އަމިއްލަ ޓީޗިން ސްޓޭންޑާޑެއް ވެސް ލޯންޗުކުރާނެ ކަމަށެވެ.

މުޝްތާގު ވިދާޅުވީ މިހާރު އެންމެ ދެކެން ބޭނުންވަނީ އެވިޑް ކޮލެޖަށް ޔުނިވާސިޓީއެއްގެ ދަރަޖަ ލިބޭ ދުވަސް ކަމަށާއި އެވިޑް ކޮލެޖު މި ހިސާބަށް އައީ ވަރަށް ގިނަ ފަރާތްތަކެއްގެ ހިދުމަތުން ކަމަށެވެ. އަދި މިއަދު އެވިޑް ކޮލެޖު އަންނަނީ ދުވަހެއް ދުވަހަކަށް ވުރެ އިތުރަށް ފިޔަ ޖަހަމުން ތަރައްގީވެ، އިތުރަށް ކުރިއެރުމަށް މަސައްކަތް ކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މުޝްތާގުގެ ވާހަކައިގައި ވަރަށްބޮޑަށް މުޖުތަމައުގެ މި ޖީލުގެ ކުދިންގެ އަހުލާގީ ފެންވަރު ދަށްވެފައިވާކަން ފާހަގަކުރައްވާފައިވެއެވެ. އެގޮތުން އެވިޑް ކޮލެޖުން ކިޔަވައިގެން މުޖުތަމައުއަށް ނުކުންނަ ދަރިވަރުންނަކީ އަހުލާގީ ގޮތުން ރަނގަޅު ކުދިންނަށް ހެދުމަށް މަސައްކަތްކުރާ ކަމަށް މުޝްތާގު ވިދާޅުވިއެވެ. އެންމެ މުހިންމު ކަމަކީ އަމިއްލަ ނަފުސު ދެކެ ލޯބިވުންކަން ފާހަގަކޮށް މުޝްތާގު ވިދާޅުވީ ކުދިން މައިންބަފައިން ކައިރިން ކަންތަކު ކިއުމުގެ އާދަ ދޫކޮށް ތިމާ އަމިއްލައަށް ޒިންމާދާރުވާން ޖެހޭ ކަމަށެވެ.

މާލޭގެ އިތުރުން ރާއްޖޭގެ 17 ސަރަހައްދެއްގައި އެވިޑް ކޮލެޖުން މިހާރު އަންނަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ.