މެދު އަގުގެ ފުލެޓުތަކަކާއި އަގުބޮޑު ފުލެޓުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަޝްވަރާކުރަމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ރައީސް ނަޝީދު ތަމްސީލުކުރައްވާ ދާއިރާ، މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަން ކުރިއަށް އޮތް އަހަރެއްހާ ދުވަސް ތެރޭ ފޯރުކޮށްދެވޭނެ ކަމަށެވެ.
ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މެދު އަގުގެ 1800 ފުލެޓާއި އަގުބޮޑު 4000 ފުލެޓު އެޅުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުން ގެންދާނެ ކަމަށާއި ފުލުހުންނާއި ސިފައިންނާއި ސަރުކާރު ކުންފުނިތަކުން ހިއްސާވާ 2000 ފުލެޓެއްގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިތުރު 3000 ފުލެޓް އެޅުމުގެ މަސައްކަތް ކުރުމަށް މިހާރުވެސް ސަރުކާރުން މަޝްވަރާ ކުރަމުން އަންނަކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރުން އަޅާ 4200 ފުލެޓުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފަށާނެ ކަމަށާއި މި ފުލެޓުތަކުގެ މަސައްކަތް ނިމުމުން ތިން ކޮޓަރީގެ ފުލެޓުތައް މަހެއްގެ މައްޗަށް 6000 ރުފިޔާއާއި 7000 ރުފިޔާއާ ދޭތެރޭގެ އަގަކަށް ކުއްޔަށް ދޫކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ މައުލޫމާތުތަކެއް މިރޭ ރައީސް ނަޝީދު ހާމަކުރެއްވި އިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން ޖަލްސާއެއްގައި މިދިޔަ މާޗް މަހު ވާހަކަފުޅުދައްކަވަމުން ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް މާލޭގައި ފެށުމަށް ވަރަށް އަވަހަށް އިއުލާންކުރައްވާނެ ކަމަށް ރައީސް ސޯލިހު ވެސް ވިދާޅުވެފައިވެއެވެ.
އޭގެ އިތުރުން މިދިޔަ ޖުލައި މަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް ސޯލިހު ވަނީ ސަރުކާރުން ހުޅުމާލޭގައި 4200 ފުލެޓު އެޅުމަށް ނިންމަވާފައިވާ ކަމަށާއި ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 6000 ރުފިޔާއާއި 7000 ރުފިޔާއާ ދެމެދުގެ އަދަދެއް ކަމަށް ވިދާޅުވެފައެވެ.
ހުޅުމާލޭގެ އިތުރުން އަތޮޅުތަކުގެ ތެރޭގައި 5000 ހައުސިން ޔުނިޓު އެޅުމަށް ނިންމަވައި، އެކަން ފެށުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އަމަލީ މަސައްކަތް ނުފެށުނު ކަމުގައިވީ ނަމަވެސް ވަރަށް އަވަހަށް އެކަން ފެއްޓޭނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވެފައިވެއެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަމުން ރައީސް ވިދާޅުވީ ރިޔާސީ ކެމްޕެއިންގައި އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ފުލެޓަށް ފައިސާ ނުދެއްކޭ ފަރާތްތައް ބެލުމަށް ފަހު ސަބްސިޑީ ވެސް ސަރުކާރުން ދޭ ގޮތަށް ހަމަޖައްސަވާނެ ކަމަށެވެ. އަދި ކުރީ ސަރުކާރުން އަޅާފައިވާ ހިޔާ ފްލެޓުތަކުގެ އަގުތައް ވެސް 6000 ރުފިޔާއަށް ކުޑަކުރުމަށް މަސައްކަތް ކުރަމުން އަންނަކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.