ޚަބަރު

ސްޕްރީމް ކޯޓުންވަނީ 21 ފަހަރު އެ ކޯޓަށް ލިބިދީފައިވާ އިމުން ފަހަނައަޅާ ގޮސްފައި: ނަޝީދު

އާނިފާ ހުސެއިން ސިރާޖް

1

ރާއްޖޭގެ އެންމެ މަތީ ކޯޓް، ސްޕްރީމް ކޯޓުން ވަނީ 21 ފަހަރު މަތީން އެ ކޯޓުގެ އިމުން ފަހަނައަޅައި ގޮސްފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަހުމަދިއްޔާ ސްކޫލުގައި މައްޗަންގޮޅި ދެކުނު ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުން އިންސާފު ގާއިމްކުރުމުގައި ގިނަ މަސައްކަތްތަކެއް ކުރެވިގެންދިޔަ ކަމަށެވެ. އެގޮތުން ފުރަތަމަ ކުރެވުނު ކަމެއްގެ ގޮތުގައި ސުޕްރީމް ކޯޓުގެ އިންތަކަކީ ކޮބައިތޯ މަޖިލީހުން ބަހުސްކޮށް، ސުޕްރީމް ކޯޓުގެ ބާރުތަކާއި އަދި އެ ކޯޓުގެ މިންގަނޑު ކަނޑައެޅުނު ކަމަށް ނަޝީދު ވިދާޅުވިއެވެ.

"...ފާހަގަވެފައި އޮތީ އަޅުގަނޑުމެން މި 19 ވަނަ މަޖިލިސް އުފެދުނު އިރުގައި ސުޕްރީމް ކޯޓު އެމީހުންގެ އިމުން ފަހަނައަޅައި 21 ފަހަރަކު ނުކުމެއްޖެ ކަމަށް، ކަނޑުން ބޭރަށް. އެކަމާ ގުޅިގެން އަޅުގަނޑުމެންނަށް މަޖިލީހުގެ ކިތަންމެ ޖަލްސާއެއްގެ ބަހުސާއި އެތައް ނިންމުމެއް ކުރިއަށް ގެންދެވުނު،" ނަޝީދު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ބާރުތަކާއި އެ ކޯޓުގެ މިންގަނޑުތައް ކަނޑައެޅުމުގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނެވި، ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ނުވަތަ ފަނޑިޔާރުގެތަކުގެ އިދާރީ ހިންގުން އެއީ ފަނޑިޔާރުން ކުރާ ކަމެއްގެ ގޮތުގައި ނުބާއްވާ، ވަކިން އެކަންކަން ބޭއްވުމުގެ މަސައްކަތް ވެސް މަޖިލީހުގެ ނިމުނު ދައުރުގައި ކުރެވުނު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ވިދާޅުވީ، އެ ނިންމުމަކީ ފަނޑިޔާރުންނަކީ ހަމައެކަނި އަދުލު އިންސާފު ގާއިމްކުރުމާއި މައްސަލަތައް ނިންމުމަށް ތިބޭ ބައެއްގެ ގޮތުގައި ބޭތިއްބުމަށް ކަމަށެވެ.

ސުޕްރީމް ކޯޓުން 21 ފަހަރު އެ ކޯޓުގެ އިމުން ފަހަނައަޅައި ގޮސްފައިވާ ކަމަށް ނަޝީދު ވިދާޅުވިއިރު، ރާއްޖޭގެ މުއައްސަސާތަކުގެ ބާރުތަކުގެ ތެރެއަށް ސުޕްރީމް ކޯޓުން ވަދެފައިވޭތޯ ބެލުމަށް އެމަނިކުފާނު ވެސް ހިމެނިވަޑައިގަންނަވާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ތައްޔާރުކުރި ރިޕޯޓްގައި، ގާނޫނު އަސާސީއާ ގާނޫނުތަކާއި ހިލާފަށް ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރުތަކާ ގުޅޭ 17 މައްސަލައެއް ވަނީ ފާހަގަކޮށްފައެވެ.

ރިޕޯޓްގައި ފާހަގަކޮށްފައިވާ ބައެއް މައްސަލަތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހާއި ޖޭއެއްސީއަށް ލިބިފައިވާ ބާރުތަކެއް ސުޕްރީމް ކޯޓުން ހަނިކޮށް، މަޖިލީހާއި ޖޭއެއްސީގެ މަސައްކަތަށް ހުރަސްއެޅި ކަމަށާއި ޖޭއެއްސީގެ ގާނޫނާއި ހިލާފަށް ފަނޑިޔާރަކު މަސްއޫލިޔަތުތަކާއި އެކަހެރިކުރުމާއި އިލެކްޝަން ކޮމިޝަންގެ ރައީސާއި ނައިބު ރައީސުގެ މައްޗަށް ޖިނާއި ކުށެއް ސާބިތުވާ ކަމަށް ނިންމާ މަގާމުން ވަކިކުރުމާއި ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލް ކުުރުން ހިމެނެއެވެ.

މީގެއިތުރުން، ފަނޑިޔާރުންގެ ފެންވަރުގެ ވަޒަންކުރުމުގެ މަސައްކަތް ނުކުރުމަށް ސުޕްރީމް ކޯޓުން ޖޭއެއްސީއަށް އަންގައި އެ ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާކުރަން ހުރަސް އެޅުމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނިސްބަތްވާ ޕާޓީން ވަކިވުމުން ނުވަތަ އެހެން ޕާޓީއަކަށް ސޮއި ކުރުމުން މެމްބަރު ކަމުން ވަކި ވާނެ ކަމަށް ކަނޑައެޅުން އަދި 1 ފެބްރުއަރީ 2018 ގައި ކުރި އަމުރުގެ ބައިތައް ސުޕްރީމް ކޯޓުން ބާތިލްކުރުން ހިމަނާފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟