މިނިސްޓަރު އަހުމަދު މަޙުލޫފް

ޓެރަރިޒަމް ގާނޫނަށް އިސްލާހު ގެންނަނީ ހަގީގީ ޓެރަރިސްޓުން ހައްޔަރުކުރަން: މަހުލޫފު

ޓެރަރިޒަމް ގާނޫނަށް އިސްލާހު ގެންނަނީ ހަގީގީ ޓެރަރިސްޓުން ހައްޔަރުކުރަން ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މަހުލޫފު ކުރެއްވި ޓުވީޓެއްގައި އެހެން ވިދާޅުވެފައިވާ އިރު، ސަރުކާރުން އުޅެނީ ބޭނުން އިރަކު، ބޭނުން މީހަކު ހިފައި ހައްޔަރުކުރަން ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ވިދާޅުވެފައެވެ.

މަހުލޫފު ވިދާޅުވީ ޓެރަރިޒަމް ގާނޫނަށް އިސްލާހު ގެންނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އެ ގާނޫނުން ބޭރުން ސިޔާސީ އެންމެން ޓެރަރިސްޓުންނަށް ހަދައި، އެންމެން ޖަލަށްލައި ދައުވާ ކުރި ގޮތަށް ކަންތައް ކުރަން ނޫން ކަމަށެވެ.

"ޓެރަރިޒަމް ގާނޫނަށް އިސްލާހު ގެންނަނީ ހަގީގީ ޓެރަރިސްޓުން ހައްޔަރުކުރަން. ރައީސް ޔާމީން، މި ގާނޫނުގެ ބޭރުން ސިޔާސީ އެންމެން ޓެރަރިސްޓުންނަށް ހަދައި، އަޅުގަނޑުމެން އެންމެން ޖަލަށްލައި ދައުވާ ކުރި ގޮތަށް ކަންތައް ކުރާކަށް ނޫން،" މަހުލޫފު ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ޓެރަރިޒަމްގެ ގާނޫނަށް ވަނީ ގިނަ އިސްލާހުތަކެއް ހުށަހަޅައިފައެވެ. އެ ބިލުގައި ޓެރަރިޒަމްގެ ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށްތައް އިތުރު ކޮށްފައިވާ އިރު، ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމަށް ގޮވާލުމާއި އެފަދަ ޖަމާއަތަށް ތާއީދުކޮށް ހިޔާލު ފާޅުކުރުން ފަދަ ކަންކަން ވެސް ވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ގާނޫނީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ބިލުގައި ވަނީ ހިމަނައިފައެވެ.

އަދި ޓެރަރިޒަމްގެ ކުށެއްގެ ތުހުމަތެއްގައި ހައްޔަރު ކުރެވޭ މީހުންނަށް ގާނޫނު އަސާސީގައިވާ ހަނު ހުރުމުގެ ހައްގެއް ނުލިބޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެއެވެ.