ޚަބަރު

މިނިސްޓަރުކަން ނުކުރެވޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި، އަމާޒުވި ނޭދެވޭ ބަސްތަކުން ހިތްޕުޅަށް ދަތިވި: އައިޝާ

ފަތޯނާ ފާއިޒު

2

ޓްރާންސްޕޯޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރައްވަން ނަން ހުށަހެޅުއްވުމުން، އެކަމަނާއަށް އެކަން ނުކުރެއްވޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އައިޝާ ވިދާޅުވީ، ވަޒީރު ކަމުގެ މަގާމަށް އެކަމަނާ އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ނަން ނަން ފޮނުއްވި ހިސާބުން ވެސް ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުންތައް އެކަމަނާއަށް އަމާޒުވި ކަމަށެވެ.

އެގޮތުން ސިޔާސީ ދާއިރާއަށާޢި ވަޒީރު ކަމުގެ އެއްވެސް ތަޖުރިބާއެއް ނެތުމުން، ގާތްގަނޑަކަށް 98 ޕަސެންޓް މީހުންގެ ފަރާތުން ލިބުނީ "ނެގެޓިވް" ބަސްތަކެއް ކަމަށާއި ނަމަވެސް އެ ފާޑުކިޔުންތަކާއެކު ވެސް ވަޒީރުގެ މަގާމު ގަބޫލު ކުރެއްވީ އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން އަމިއްލަ ނަފްސަށް އޮތުމުން ކަމަށް އައިޝާ ވިދާޅުވިއެވެ.

"އަޅުގަނޑަކީ އެއްވެސް އިރެއްގައި އަޅުގަނޑު ކުރާކަމަކަށް، ނުވަތަ ކުރިމަތިލާ ކަމަކަށް ފުރިހަމަ ޔަގީންކަން އަމިއްލަ ނަފްސަށް ނެތިއްޔާ އެކަމަކަށް ކުރިމަތިލާނެ މީހެއް ނޫން،" މިނިސްޓަރު އައިޝާ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓަރުގެ މަގާމު ގަބޫލު ކުރެއްވީ އެކަމަނާގެ ކިބައިގައި ހުންނެވި ގާބިލު ކަމާއެކު، ރައްޔިތުންނަށް ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އޮތުމުންނެވެ.

"ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ ސިޔާސީ މައިދާނުގައި، ޕާލިމެންޓްގައި އެތައް އަހަރެއް މަސައްކަތް ކުރެއްވި ބޭފުޅެއް. ވަރަށް ހިކުމަތްތެރި، ވަރަށް ވިސްނުންތެރި ބޭފުޅެއް. އެމަނިކުފާނު ވަޒީރަކު އައްޔަން ކުރައްވާނީ ވަަރަށް ވިސްނަވާފައި،" ރައީސް ސޯލިހަށް ތައުރީފު ކުރައްވާ އައިޝާ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ، ބަޔަކު ކިޔާ އެއްޗަކުން އަމިއްލަ ނަފްސާމެދު ދެކޭ ގޮތް ބަދަލު ކުރަން ނުޖެހޭ ކަމަށާއި ވަޒީރެއްގެ މަގާމަށް އައްޔަންކުރާ ފަރާތަކާމެދު ސުވާލު އުފައްދައި، ހިޔާލުފާޅު ކުރުމަކީ ރައްޔިތުންގެ ހައްގެއް ކަމަށެވެ.

އެގޮތުން އެކަމަނާއަށް އަމާޒުވި ފާޑުކިޔުންތަކަށް، ރައްދު ދީ، ދެކޮޅަށް އެއްޗެއް ވިދާޅުވެފައިނުވާނެ ކަމަށާއި ނަމަވެސް އަމާޒުވި ބައެއް ބަސްތަކުން ހިތްޕުޅަށް ދަތިވި ކަމަށް =ވިދާޅުވިއެވެ.

އަދި ވިދާޅުވީ، ވަކި މީހެއްގެ އަތްބަކަށްވީތީ ނުވަތަ އަންހެނަކަށް ވީތީ ނިކަމެތި ކުރުމަކީ ދުވަހަކު ވެސް ގަބޫލު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. އަދި ކޮންމެ ހައިސިއްޔަތަކުން ނުވަތަ ކޮންމެ އާއިލާއަކުން އަޔަސް، މީހަކު ކުރާ މަސައްކަތަކުން، އެންމެ ނިމަމެތި މީހާއަށް ވެސް ހައްގުތަކެއް ލިބިދޭންޖެހޭ ކަަމަށް ވިދާޅުވިއެވެ.

އެގޮތުން އެކަމަނާއާމެދު ރައްޔިތުންގެ ވިސްނުން މިހާރު ބަދަލުވެ، އެކަމަނާގެ މަސައްކަތް މިހާރު ރައްޔިތުން ބަލައިގަންނަ ކަަމަށް އައިޝާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟