ބަޔަކަށް އަނިޔާއެއް ލިބޭތަން ދެކެން ބޭނުން ނުވުމަކީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ ލޭގައި ހުންނަ ސިފައެއް ކަމަށް ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އައިޝާ ވިދާޅުވީ ފިރިކަލުން ގާސިމް ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެވަޑައިގަންނަވާތީ، ގާސިމްގެ ހުރިހާ އަނބިދަރިންވެސް އެކަމާ ނުރުހޭ ކަމަށެވެ. އެހެންނަަމަވެސް ގާސިމްގެ އިސްލާހީ މަސައްކަތްތަކުގައި ދެމިހުންނަނީ އެންމެ ކުރީއްސުރެެވެސް، އެފަދަ ކަންކަމަށް އިސްކަން ދެއްވާތީ ކަމަށް އައިޝާ ވިދާޅުވިއެވެ.
"އެއީ އިސްލާހަށްޓަކައި، އަދި މި ގައުމަށްޓަކައި މަސައްކަތްޕުޅުތަކެއް ކުރައްވަން ބޭނުންފުޅުވާތީ، އެކަން ކުރެއްވުމުން އެބޭފުޅާއަށް ހިތްހަމަޖެހުން ލިބިވަޑައިގަންނަވާތީ،" އައިޝާ ވިދާޅުވިއެވެ.
މިނިސްޓަރު އައިޝާ ވިދާޅުވީ އެކަމަނާ ސިޔާސީ މަސައްކަތަށް ނުކުންނެވީ އެކަމަށް އެެއްވެސް ޝައުގެއް އުފެދިގެން ނޫން ކަމަށާއި ހަމަޖެހޭ ދިރިއުޅުމެއް އުޅެން ބޭނުންވާ އެއްވެސް މީހަކު ސިޔާސީ ދާއިރާއަށް ނުނިކުންނާނެ ކަމަށެވެ. އަދި އޭރު ދިރިއުޅުމުގެ ހާލަތު އޮތީ ހަމަނުޖެހުމެއްގެ ތެރޭގައިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އޭރު ގާސިމް އަދި ދޮން ދަރިކަލުން ސިޔާދު ގާސިމް ހުންނެވީ ހައްޔަރުގައި ކަމަށެވެ.
އެހެންކަމުން އެކި ތަންތަނަށް ސިޓީ ލައިގެން، ހާލަތު ބަދަލު ކުރުމުގެ ބަދަލުގައި އަމިއްލައަށް ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގެން، އަމަލީ ގޮތުން އެކަމުގައި ބައިވެރިވެވަޑައިގަންނަވަން ނިންމެވީ ކަމަށް އައިޝާ ވިދާޅުވިއެވެ.