ޚަބަރު

ގައުމީ ތަރައްގީގެ ޕްލޭނަށް އާންމުންގެ ހިޔާލު ހޯދަނީ

އާނިފާ ހުސެއިން ސިރާޖް

1

ސަރުކާރުން އެކުލަވާލާ ގައުމީ ތަރައްގީ ޕްލޭންގެ ފުރަތަމަ ޑްރާފްޓާ މިހާރު އެކުލަވާލާ ނިމިފައިވާ ކަމަށާއި މި ޕްލޭން އާންމުކުރުމުގެ ކުރިން އާންމުންގެ ހިޔާލު ހޯދާނެ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފަރާސްޓްރަކްޗާގެ ނޭޝަނަލް ޕްލޭނިން ޑިވިޝަންގެ ޑިރެކްޓަރ ޖެނެރަލް އައިޝަތު ސާދު ވިދާޅުވެއްޖެއެވެ.

ޕްލޭނިންގް މިނިސްޓްރީގައި އިއްޔެ ކުރިއަށްގެންދިޔަ "ނުވަގަޑި" ޕްރޮގްރާމުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ސާދު ވިދާޅުވީ ގައުމީ ޕްލޭނެއް ނެތި މަޝްރޫއުތައް ހިންގަމުން އަންނަތާ 20 އަހަރު ވެފައިވާ ކަމަށާއި މީގެ ސަބަބުން މަޝްރޫއުތައް ހިނގަމުން އަންނަނީ އެއްވެސް އަމާޒެއް ނެތި ކަމަށެވެ. އެގޮތުން ގައުމީ ތަރައްގީގެ ފުރަތަމަ ޑްރާފްޓް އެކުލަވާލައި ނިމިފައިވާ އިރު، ދެވަނަ ޑްރާފްޓް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ސާދު ވިދާޅުވިއެވެ.

ސާދު އިތުރަށް ވިދާޅުވީ ގައުމުގެ މުސްތަގުބަލު އެއް އަަމާޒަކަށް ހިފުމަށާއި ހަަމަހަމަކަން ގާއިމު ކުރުމަށާއި ދެމެހެއްޓެނިވި ގޮތުގައި ކަންކަން ކުރުމަށާއި ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށާއި ބައިނަލްއަގުވާމީ ގޮތުން ކަނޑައެޅިފައިވާ ކަންކަަމަށް ވާސިލުވުމަށާއި ގައުމުގެ މާލީ، ގުދުރަތީ އަދި އުމްރާނީ ވަސީލަތްތައް އެންމެ ފައިދާކުރުވަނިވި ގޮތެއްގައި ބޭނުންކުރުމަށް ގައުމީ ތަރައްގީގެ ޕްލޭނެއް ބޭނުންވާ ކަމަށެވެ. އެހެންކަމުން މިހާރު އެކުލަވާލަމުން އަންނަ ޕްލޭނަކީ 2020 އިން 2023 އަށް ހާސިލުކުރުމަށް އަމާޒު ހިފާފައިވާ ކަންތައްތަކާއެކު އެކުލަވާލާ ޕްލޭނެއް ކަމަށް ސާދު ވިދާޅުވިއެވެ.

ގައުމީ ތަރައްގީގެ މަޝްރޫއުގެ ތަސައްވަރަކީ ހަމަހަމަ، ފޯރުންތެރި، އެންމެން ބައިވެރިވާ އަދި ގުޅުވާލެވިފައިވާ ޖަޒީރާ ރާއްޖެއަކަށް ވާސިލުވުން ކަމަށް ސާދު ވިދާޅުވިއެވެ. އެގޮތުން މި ޕްލޭނުގައި ފަސް އަހަރުގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭނާއި ކުރިއަށް އޮތް ދިހަ އަހަރުގެ ގައުމީ ތަރައްގީގެ އޮނިގަނޑުގެ އިތުރުން ހާއްސަ ޕްލޭންތަކެއްވެސް ހިމެނޭނެ ކަމަށް ސާދު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟