ރާއްޖެއަށް ބޮކްސިންގ ތައާރަފުކުރުމަށް މަސައްކަތްކުރައްވަމުން އަންނަ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ބޮކްސިންގ ތައާރަފުކުރުމަށް މަސައްކަތްކުރައްވަމުން އަންނަ ކަމަށް މަހުލޫފު ވިދާޅުވެފައިވަނީ ފިލިޕީންސް އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިންސެންޓް ވިވެންސިއޯއާއެކު ބޭއްވި ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަންތައްތައް ހިއްސާކުރައްވަމުންނެވެ.
އެ ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަންތައްތައް ހިއްސާކުރެއްވުމަށް މަހުލޫފު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޕިލީޕީންސް އިން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށް، ފިލިޕީންސްގެ ގައުމީ ޓީމުތަކާއެކު ފިރިހެނުންގެ ބާސްކެޓްބޯޅަ އަދި އަންހެނުންގެ ވޮލީބޯޅަ މެޗުތަކެއް ރާވައިދިނުމަށާއި ރާއްޖޭގައި ބޮކްސިންގ ތައާރަފުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ.
ކުޅިވަރުތަކަށް ކުރިއެރުން ހޯދައިދިނުމަށް ސަރުކާރުން އަންނަނީ ބޭރުގެ ގައުމުތަކުގެ އެހީ ހޯދުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.