ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް

ރިޔާސީ އިންތިހާބުގެ ވާހަކަދެއްކުން ހުއްޓާލާފައި ކައުންސިލު އިންތިހާބަށް ތައްޔާރުވޭ: ޝަރީފު

ފަތޯނާ ފާއިޒު

ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ވާހަކަދެއްކުން ހުއްޓާލުމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު އެދިވަޑައިގެންފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި، އަންނަ އަހަރު ރާއްޖޭގައި ރިޔާސީ އިންތިހާބެއް އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު ވިދާޅުވުމާ ގުޅިގެން އީސީގެ ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އެ ކޮމިޝަނުން 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ، ރައްޔިތުން ވޯޓު ދިން ގޮތަށް އިއުލާން ކޮށްފައިވާ ކަމަށެެވެ.

އަދި ރިޔާސީ އިންތިހާބުގެ ވާހަކަދެއްކުމުގެ ބަދަލުގައި އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ވާހަކަދެއްކުން ބުއްދިވެރިވާނެ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

ޕީޕީއެމް/ޕީޕީއެންސީން އިންތިޒާމްކޮށްގެން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ލަތީފު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ވެރިކަމެއް ނުކުރެވޭ ކަމަށާއި ރައްޔިތުންނަށް ދިން އުއްމީދު ފެއިލްވެފައިވާ ކަމަށެވެ.

"ތިޔަ ބޭފުޅުން ތައްޔާރުތޯ ވޯޓްލާން. ހަމަ ޔަގީން އަންނަ އަހަރު އިންތިހާބު އޮންނާނެ. މި ރައީސަކަށް މިކަމެއް ނުވާނެ،" ކުރީގެ މެންބަރު ލަތީފު ވިދާޅުވިއެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފު، ދިއްދޫ ލަތީފަށް ފާޑުވިދާޅުވެ މިއަދު ކުރެއްވި ޓްވީޓު.