ޚަބަރު

އައްޑޫގައި ހަރުކަށި ފިކުރު ފެތުރޭ މައްސަލައަށް ހައްލެއް ހޯދައިދޭން އެދިއްޖެ

ފަތޯނާ ފާއިޒު

އައްޑޫ ސިޓީގައި ދީނީ ހަރުކަށި ފިކުރު ފެތުރޭ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށް އެ ސިޓީގެ ކައުންސިލުން ސަރުކާރުގެ ކިބައިން އެދިއްޖެއެވެ.

"ވަން"އަށް މައުލޫމާތުދެއްވަމުން އައްޑޫ ސިޓީ ކައުންސިލުގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) މިއަދު ވިދާޅުވީ އެ ސިޓީގައި ހަރުކަށި ފިކުރު ފެތުރޭ ކަމަށް އަޑު ފެތުރެމުން އަންނަ ކަމަށާއި އެހެންނަމަވެސް އެފަދަ ކަމެއް ކުރާ ވަކި ބަޔަކު އުޅޭ ކަމަށް ފާހަގަކުރެވިފައި ނުވާ ކަމަށެެވެ.

"ދޭތެރެ ދޭތެރެއިން ފާރުތަކުގައި ހުރޭ އެކަހަލަ (ހަރުކަށި ފިކުރަށް ތާއީދު ކުރާ) އެއްޗެހި ލިޔެފައި،" ސޯބެ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ އެކަމާ ބެހޭ ގޮތުން ޑިފެންސް މިނިސްޓަރު މާރިޔާއާއެކު އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ބައްދަލުކުރައްވައި ވާހަކަދައްކާފައިވާނެ ކަމަށެވެ. އެހެންނަމަވެސް އެ ބައްދަލުވުމަކީ އެކަމާ ބެހޭ މަޝްވަރާއެއް ކުރަން ބޭއްވި ބައްދަލުވުމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އައްޑޫ ކައުންސިލުގެ މޭޔަރު ވިދާޅުވި ގޮތުގައި އިއްޔެގެ ބައްދަލުކުރެއްވުމަކީ ކުއްލި ކާރިސާތަކުން ރައްކާތެރި ވުމަށް އެމްއެންޑީއެފް، އަދި ޑިޒާސްޓަރ މެނޭޖުމެންޓް ސެންޓަރަށް ކުރެވިދާނޭ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވި ބައްދަލުވުމެއް ކަަމަށެވެ.

އައްޑޫގައި ހަރުކަށި ފިކުރު ފެތުރޭކަން ސަރުކާރުގެ ސަމާލުކަމަށް ގެނައި އިރު އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ތާއީދުކޮށް، އެ ސިޓީގެ ފާރުތަކެއްގައި ކުރެހި މައްސަލައެއް މިދިޔަ ޖޫން މަހު ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވެއެވެ.

އަދި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން މަރާލީ ހަރުކަށި ފިކުރުގެ ބައެއްކަން ތަހުގީގަށް އެނގޭ ކަމަށް މަރުތައް ބަލާ ކޮމިޝަނުން ބުނެފައިވާ އިރު، އެ މައްސަލައާ ގުޅުން ހުރި ބައެއް ތަންތަނާއި މީހުން ބަލައި ފާސްކުރުމަށް ފުލުހުން ދާދި ފަހުން ހިންގި އޮޕަރޭޝަނުގައި އައްޑޫ ސިޓީގެ ބައެއް ތަންތަން ބަލާފައިވެއެވެ. އޭގެ ތެރޭގައި އައްޑޫގެ ދެ ފިހާރައެއް ހިމެނެއެވެ.