ޚަބަރު

ހުރަވީ ބިލްޑިން ތަޅާލުން ލަސްވަނީ އެތަނުގައި ހުރި އޮފީސްތައް ބަދަލުކުރާނެ ތަން ނުލިބޭތީ: މިނިސްޓްރީ

އާނިފާ ހުސެއިން ސިރާޖް

ސަރުކާރުގެ ގިނަ އޮފީސްތައް ހިމެނޭ ހުރަވީ ބިލްޑިންގް ވަރަށް ބޮޑަށް ބާވެ ދުވަސްވެފައިވީ ނަމަވެސް އެތަން ތަޅާލުން ލަސްވަނީ އެތަނުގައި ހުރި އޮފީސްތައް ބަދަލުކުރާނެ ތަނެއް ނުލިބޭތީ ކަމަށް ޕްލޭނިން މިނިސްޓްރީގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވެލޮޕްމެންޓް ޑިޕާޓްމެންޓް (ސީއައިޑީޑީ)ގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ތޮލްހަތު ވިދާޅުވެއްޖެއެވެ.

ހުރަވީ ބިލްޑިން މިހާރު އެހާ ރައްކާތެރި އިމާރާތެއްގެ ގޮތުގައި ނުފެންނާތީ އެތަނާ މެދު މިހާރު އޮތް ޕްލޭނަކީ ކޮބާތޯ "ވަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ސީއައިޑީޑީގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ތޮލްހަތު ވިދާޅުވީ ބާވެފައިވުމުގެ ސަބަބުން އެ އިމާރާތް ހުސްކުރުމުގެ މަސައްކަތް އެ މިނިސްޓްރީން މިހާރުވެސް ކުރަމުން އަންނަ ކަމަށާއި ނަމަވެސް ހުރަވީ ބިލްޑިންގައި ހުރި އޮފީސްތައް ރީލޮކޭޓް ކުރެވޭނެ ގޮތެއް ނެތުމުގެ ސަބަބުން އިމާރާތް އަދި ހުސްކުރެވިފައި ނުވާ ކަމަށެވެ.

އިއްޔެ ޕްލޭނިން މިނިސްޓްރީގައި ކުރިއަށްގެންދިޔަ "ނުވަގަޑި" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ތޮލްހަތު ވިދާޅުވީ އެ އިމާރާތުގައި މިހާރު ހުރި އޮފީސްތައް ރިލޮކޭޓް ކުރުމަށް ތަން ހޯދުމަށް މިހާރު އެއް ފަހަރު ގެޒެޓުގައި އިއުލާނު ކުރެވިފައިވާ ކަމަށާއި ނަމަވެސް ހުރިހާ އޮފީސްތައް އަދި ރިލޮކޭޓް ކުރުމަށް އެކަށީގެންވާ ޖާގަ ލިބިފައި ނުވުމުން އަދިވެސް އެތަން ބޭނުންކުރަމުންދާ ކަމަށެވެ. ސަރުކާރުން ނިންމާފައިވަނީ އެ އިމާރާތުގައި ހުރި އޮފީސްތައް ބަދަލުކުރާނެ ޖާގަ ލިބުމުން އިމާރާތް ތަޅާލަން ކަމަށްވެސް ތޮލްހަތު ވިދާޅުވިއެވެ.

ހުރަވީ ބިލްޑިންގެ ބެލްކަނިން މަގުމައްޗަށް ބައެއް ވެއްޓި، ޕާކުކޮށްފައިވާ ސައިކަލުތަކަކަށް ވެސް މީގެ ކުރިން ވަނީ ގެއްލުން ލިބިފައެވެ. އަދި އިމާރާތުގެ ޝީޓުތަކުގެ ބައިތައް ވެއްޓޭތީ ވަނީ އެތަންތަން މަރާމާތު ކުރުމުގެ މަސައްކަތް ވެސް ކޮށްފައެވެ.

ހުރަވީ ބިލްޑިންގަކީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުގެ ކުރީކޮޅު އެޅި އޮފީސް އިމާރާތެކެވެ. ހުރަވީ ބިލްޑިންގ ހުސްކޮށް، އެތަނުގައި ހުރި ސަރުކާރުގެ އިދާރާތައް އެހެން ތަނަކަށް ބަދަލުކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައިވެސް ނިންމިއެވެ. ނަމަވެސް އަދިވެސް މިވަނީ އެ ބިލްޑިން ހުސްކުރެވޭގޮތް ނުވެފައެވެ.