ޚަބަރު

ސަރުކާރުން އުޅެނީ ބޭނުން އިރަކު، ބޭނުން މީހަކު ހައްޔަރު ކުރަން: އަދުރޭ

ފަތޯނާ ފާއިޒު

ސަރުކާރުން އުޅެނީ ބޭނުން އިރަކު، ބޭނުން މީހަކު ހިފައި ހައްޔަރު ކުރަން ކަަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެެންސީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ އެހެން ވިދާޅުވީ މިއަދު އޭނާ ކުރެއްވި ޓްވީޓެއްގައެވެ. އަދުރޭ ވިދާޅުވި ގޮތުގައި ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ މަގުސަދަކީ ބޭނުން އިރަކު، ބޭނުން މީހަކު ހިފައި ހައްޔަރު ކުރުމަށް މަގުފަހި ކުރުވައި، ދީނީ އިލްމުވެރިންގެ އަޑު ކަނޑުވައިލުމެވެ.

"އަދި މިކަމުގެ ފޮރުވިފައިވާ ބޭނުމަކީ ދީނީ އިލްމުވެރިންގެ އަޑު ކަނޑުވާލައި، ލާދީނީ ފިކުރަށް ޖާގަ ހޯދުން. އެވެރިންގެ ބަހުންނަމަ، މިނިވަން ފިކުރަށް ފުރުސަތު ދިނުން،" އަދުރޭ ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ޓެރަރިޒަމްގެ ގާނޫނަށް ވަނީ ގިނަ އިސްލާހުތަކެއް ހުށަހަޅައިފައެވެ. އެ ބިލުގައި ޓެރަރިޒަމްގެ ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށްތައް އިތުރު ކޮށްފައިވާ އިރު، ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމަށް ގޮވާލުމާއި އެފަދަ ޖަމާއަތަށް ތާއީދުކޮށް ހިޔާލު ފާޅުކުރުން ފަދަ ކަންކަން ވެސް ވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ގާނޫނީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ބިލުގައި ވަނީ ހިމަނައިފައެވެ.

އަދި ޓެރަރިޒަމްގެ ކުށެއްގެ ތުހުމަތެއްގައި ހައްޔަރު ކުރެވޭ މީހުންނަށް ގާނޫނު އަސާސީގައިވާ ހަނު ހުރުމުގެ ހައްގެއް ނުލިބޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެއެވެ.

އަބްދުއްރަހީމް ކުރެއްވި ޓްވީޓް.