ރާއްޖެއަށް ގަވައިދާ ހިލާފަށް ބިދޭސީން ގެނައުމުގެ މަސައްކަތް ކުރަަމުން އައި މީހަކު ރާއްޖެއިން ޑީޕޯޓު ކޮށްލައިފިއެވެ.
މޯލްޑްވްސް އިމިގްރޭޝަނުން ބުނީ ފުލުުހުންނާ ގުޅިގެން އިއްޔެ ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި ރާއްޖެއަށް ބިދޭސީން ރެކްރޫޓް ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ބަންގުލަދޭޝްގެ ރައްޔިތެއް ހައްޔަރު ކުރި ކަމަށެވެ.
އުމުރުން 49 އަހަރުގެ، އެމްޑީ ޝަފީގުލް އިސްލާމް ކިޔާ އެމީހާ އަކީ ގަވައިދާ ހިލާފަށް، ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ވިޔަފާރިވެސް ކުރަމުން ދިޔަ މީހެއް ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.
ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު އިތުރުވުމަކީ ގިނަ ދިވެހިންގެ ޒަމާންވީ ޝަކުވާއެކެވެ. އެކަން ހުއްޓުވުމަށް އިމިގްރޭޝަނުން މަސައްކަތް ކުރަމުން އަންނައިރު، ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތް ކުރި ދެ ބިދޭސީ ފިރިހެނުން މިމަހުގެ އަށެއް، އަދި ނުވަވަނަ ވަަނަ ދުވަހު ވަނީ ހުއްޓުވައިފައެވެ.