ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތް ނޫން ގޮތަކަށް ސަރުކާރަކުން ކަމެއް ކޮށްފައި އޮވެއްޖެއްޔާ އެކަމެއް ބަލައި ތަހުގީގުކޮށް، ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަކުން ފިޔަވަޅު އަޅުއްވާނެ ކަަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ދިވެހި ސަރުކާރުގައި ކުރިން އޮތް ހުދުމުހުތާރު ވެރިކަމުގެ ތިބި ބަޔަކު ރާއްޖެއަށް ލިބުނު އެހީ އޭގެ ހައްގު ނޫން ގޮތުގައި ބޭނުންކުރަމުން ދިޔަ ކަމަށެވެ. އަދި ސަރުކާރުން އޭރު އިދިކޮޅުގައި ތިބެގެން އެކަން ކުށްވެރި ކޮށްފައިވާނެ ކަމަށާއި، އެއީ އެހީދޭ ގައުމުތަކާއެކު މައްސަލައެއް އޮތުން ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ.
"އެހީ ދޭ ފަރާތަށް ވުރެ، އޭގެ ނާޖާއިޒު ފައިދާ ނަގާ ފަރާތް އެއީ ގޯސް ފަރާތަކީ. އެހެންވީމާ އަޅުގަނޑުމެން އެއްވެސް ގައުމަކާ ދޭތެރޭގައި ކުޑާމީސް ބަހެއް ވެސް ނުބުނަން،" ޝާހިދު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އަބަދުވެސް ހައްގު ބަސް ބުނުމުގައި ދެމިތިބޭނެ ކަމަށާއި ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތް ނޫން ގޮތަކަށް ސަރުކާރަކުން ކަމެއް ކޮށްފައި އޮވެއްޖެއްޔާ އެކަމެއް ބަލައި ތަހުގީގުކޮށް، ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަކުން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން އިދިކޮޅުގައި ތިބި އިރު، އަޅުގަނޑުމެން ދައްކަމުން ގެންދިޔައިން ރާއްޖެއަށް ލިބޭ ހިލޭ އެހީ ހިފަނީ އެންމެ ރަނގަޅަށް ނޫންކަން،" މިނިސްޓަރު ވިދާޅުވިއެވެ.
އަދި ވިދާޅުވީ ވައްކަން ކުރުމާއި ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އޮތީ އިންތިހާއަށް ކަމަށެވެ. އެކަންކަން ބަލައި ތަހުގީގުކުރަން ސަރުކާރަށް ވަގުތެއް، ޖާގައެއް އަދި ފުރުސަތެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެކަންތައްތަކާ ބެހޭ މިނިވަން ކޮމިޝަންތަކެއް އުފައްދަވައި، އެ ކޮމިޝަންތަކާ އެ މަސައްކަތްތައް ހަވާލުކުރައްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.